އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް މޭޖާ އަބްދުލްމުހްސިން މުހައްމަދު، ކެޕްޓަންކަމަށް ޑީމޯޓްކުރުމަށް ފަހު، ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، މި މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފަ އެވެ.

މީގެ އަށް އަހަރު ކުރިން އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރާ މެދު ސިފައިންގެ އަހްލާގާއި ސުލޫކާ ހިލާފަށް މުހްސިން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ތަހުގީގެއް ހިންގައި ސިފައިންގެ އާންމު ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅި އެވެ. ފިޔަވަޅެއްގެ ގޮތުން މޭޖާކަމުން ކެޕްޓަންކަމަށް ޑީމޯޓްކުރުމަށް ފަހު ވަޒީފާއިން ވަކިކުރި އެވެ.

އެއީ ގާނޫނާ ހިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ އިޔާދަ ކޮށްދިނުމަށް އެދި އޭނާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ނާކާމިޔާބުވުމުން، ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ ކޯޓުން ވެސް ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މުހްސިންގެ މައްޗަށް ތަހުގީގު ހިންގީ ސިފައިންގެ މަރުކަޒެއްގައި ބަންދުކޮށްގެން ކަމަށް އިސްތިއުނާފީ މަރުހަލާގައި އޭނާ ފާހަގަކުރި ނަމަވެސް، އެއީ ދަށު ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އެދިފައިވާ ކަމަކަށް ނުވާތީ އާއި އޭނާ ބަންދެއްގައި ނުވަތަ މަޖުބޫރީ ހާލަތެއްގައި ހުރި ކަމުގެ އެއްވެސް ލިޔުމެއް ނެތުމުން އެ ނުކުތާ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ. 

ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭނީ "ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދު" ގެ 202 ވަނަ މާއްދާއަށް ކަމަށް އޭނާ ވަކާލާތުކުރި ނަމަވެސް، އަހްލާގީ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ "ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ކަމަށާއި އެ މާއްދާގެ ދަށުން ޑީމޯޓް ކުރުމާއި ވަޒީފާއިން ވަކިކުރުން ފަދަ އެއް އަދަބަށް ވުރެ ގިނަ އަދަބު ދިނުމުގެ އިހްތިޔާރު އެމްއެންޑީއެފަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

މައްސަލައިގެ ތަހުގީގުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމާއި އަދަބު ކަނޑައެޅުމަށް ފަހު، ނިޒާމުގެ ތެރެއިން އެޕީލް ކުރުމުގެ ފުރުސަތު ދިން ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފުމުގެ ބަދަލުގައި މުހުސިން އެދިފައިވަނީ އަދަބު މާފުކޮށްދީ، ޝަރަފުވެރިކަމާ އެކު ރިޓަޔާ ކޮށްދިނުމަށްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މުހްސިން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްފައިވާ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

މި ހުކުމް އިއްވެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.