ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ގޮތުން 2024 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާ އަށް އަމަލުކުރުމުގެ ގޮތުން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީ އަށް ޕްރޮމޯޓް ނުކޮށް، ޕްލޭ ސްކޫލް ރިޕީޓްކުރި މައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން 2024 ވަަނަ އަހަރު އެލްކޭޖީގައި އުޅޭނީ އެ އަހަރުގެ ޑިސެމްބަރުމަހަށް އުމުރުން ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ.
އެ މިނިސްޓްރީގެ ސާކިއުލާގެ ކުރިން ޕްލޭ ސްކޫލަށް ވައްދައި ކިޔަވަމުން އައި ދަރިވަރުގެ ސްކޫލުން ބޭބީ ނާސަރީ އަށް މިދިޔަ އަހަރު ބަދަލު ނުކުރީ އެ އުމުރު ހަމަނުވާތީ، މިނިސްޓްރީން ހުއްދަ ނުދޭތީ އެވެ. އެހެންވެ، އެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅުމުން ވެސް ނިންމުން ބަދަލުކުރެވެން ނެތް ކަމަށް އެންގުމުން ދައުލަތާ ދެކޮޅަށް ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމްކުރީ ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ސާކިއުލާއަކީ ތައުލީމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ އުސޫލެއް ކަމަށެވެ. އެހެންވެ، ދައުވާކުރާ ފަރާތުން އެދިފައިވާ އެއްވެސް ކަމަކަށް އަމުރުކޮށް ހުކުމް ކުރެވެން ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅި އެވެ.
ކުއްޖާގެ މަންމަ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާށެވެ. އެ ހުކުމްގައި ދައުލަތަށް އެންގީ ދަރިފުޅުގެ ހާއްސަ ހާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި އެސެސްމަންޓުތައް، މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން އިންސާފުވެރިކަމާ އެކު އަލުން ވަޒަން ކުރާށެވެ. އަދި ދަރިފުޅު މިހާރު ހުންނަންޖެހޭ ގުރޭޑާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށް ކަނޑައެޅި އެވެ. ނަމަވެސް، އެގޮތަށް އަމަލުނުކޮށް އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ހައި ކޯޓުން ގޮތް ނިންމާފައިވަނީ ތައުލީމީ ސިޔާސަތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުޑަކުދިންގެ ގްރޭޑް ކަނޑައަޅާފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެން ކަމަށް ވާއިރު، ހައި ކޯޓުގެ ނިންމުން އެއާ ހިލާފު ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުން ބުނީ ތައުލީމުގެ ގާނޫނުގައި ޕްރީސްކޫލަށް އެއްވެސް ކުއްޖަކު ވެއްދޭނީ އުމުރުން ހަތަރު އަހަރުވުމުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އަމަލުކުރާނެ އާ މިންގަނޑެއް ކަނޑައަޅައި، އެކަން ތަންފީޒީ އިދާރާއަކަށް އެންގުމަކީ ކޯޓުގެ އިހުތިސާސުން ބޭރު ކަމެއް ކަމަށެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމްގެ އެ ބައި މަތީ ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.