އައިޖީސީއެސްއީ އިނގިރޭސި ލިސެނިން އިމްތިހާނު މާދަމާ ކުރިއަށްދާ ވަގުތު މާލޭގެ ސެކަންޑަރީ ސްކޫލްތަކާ ކައިރީގެ މަގުތައް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޓެސްޓު އޮންނަނީ މާދަމާ ހެނދުނު 09:15 އިން ފެށިގެން 10:30 އަށެވެ.

ފުލުހުން ބުނީ އެ ވަގުތުތަކުގައި ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރު ކުރުން މަނާވާނެ ކަމަށެވެ.

"އެހެންކަމުން، އިމްތިހާނު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ އަދި އެ ސަރަހައްދު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުހެލިވެވަޑައިގެން ދެއްވުމަށް އިލްތިމާސްކުރަމެވެ،" ފުލުހުން ބުންޏެވެ.

ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި، އެންމެހައި އާންމުން އެއްބާރުލުން ދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

ލިސެނިން ޓެސްޓުގައި ދަރިވަރުން އިމްތިހާނުކުރާނީ އޯޑިއޯއެއް އިއްވައި އެއާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް ދޭ ޖަވާބުންނެވެ.

މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. 

އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އޯލެވެލް އިމްތިހާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެ އެވެ. އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނީ 7،776 ދަރިވަރުންނެވެ. 

މާލެ ސަރަހައްދުގައި އައިޖީސީއެސްއީ އިމްތިހާނުގައި 3،222 ދަރިވަރުން ބައިވެރިވެ އެވެ. މި ސަރަހައްދުގައި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނީ 2،869 ދަރިވަރުންނެވެ. 

ރަށްރަށުގައި އައިޖީސީއެސްއީ އިމްތިހާނުގައި 4،889 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 4،907 ދަރިވަރުންނެވެ. 

އެ އިމްތިހާން 267 ސެންޓަރެއްގައި ކުރިއަށް ގެންދާނެ އެވެ. އެއީ މާލެ ސަރަހައްދުގެ 25 ސެންޓަރަކާއި އަތޮޅު ތެރޭގެ 242 ސެންޓަރެއްގަ އެވެ.