ރާއްޖެއަށް މި ދުވަސްވަރަކީ އިހުސާސް ކުރެވޭ ހޫނުމިން ވަރަށް މަތީގައި ހުރި ދުވަސްވަރަކަށް ވުމުން ދަރިވަރުންނަށް ފަސޭހައަކަށް އެކްޓިވިޓީ ޔުނީފޯމުގައި ދިއުމަށް ސްކޫލުތަކުން ދަރިވަރުންނަށް އަންގައިފި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވަރަށް ހޫނު ގަދަ ކަމަށް މެޓް އޮފީހުން ވެސް ވަނީ ބުނެފަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.
ރޯދަ ނިންމައި ހަ ރޯދަ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ ފަށައިފަ އެވެ.
ސްކޫލުތަކުން ދަރިވަރުންނަށް އިއްޔެ އަންގާފައި ވަނީ ސްކޫލަށް ހާޒިރުވާއިރު ރަސްމީ ޔުނީފޯމުގެ ބަދަލުގައި، އެކްޓިވިޓީ ޔުނީފޯމުގައި ދިއުން މައްސަލައެއް ނޫން ކަމަށެވެ.
ރަސްމީ ޔުނީފޯމާއެކު ގިނަ ސްކޫލުތަކުގައި އަންހެން ކުދިން، ސްކާޓްގެ އިތުރުން ހަރުވާޅު ވެސް ލަ އެވެ. ފިރިހެން ދަރިވަރުން ވެސް ގަމީހާއި ފަޓުލޫނު ލާން ޖެހޭއިރު ދެ ޖިންސުގެ ކުދިން ވެސް ޓައީ އަޅަން ޖެހޭތީ ރަސްމީ ޔުނީފޯމުގައި ހޫނު ގަދަ ކަމުގެ ޝަކުވާ އަބަދު ވެސް ދަރިވަރުން ކުރެ އެވެ.
އެހެންވެ ސްކޫލުތަކުން ދަރިވަރުންނަށް އަންގާފައި ވަނީ އެކްޓިވިޓީ ޔުނީފޯމުގެ ގޮތުގައި ހިމެނޭ ޓީޝާޓާއި ޓްރެކްސޫޓުގައި ސްކޫލަށް ހާޒިރުވުމަށެވެ.
އިރުވައިގެ އެންމެ އަވިގަދަ ދުވަސްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާން ފެށީ މިދިޔަ މަހު ފަހުކޮޅުން ފެށިގެންނެވެ.
އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.