އިރުވައިގެ އެންމެ އަވިގަދަ ދުވަސްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާން ފަށައިފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފަ އެވެ. 

މެޓް އޮފީހުން އާންމުކުރި މިއަދު ހެނދުނު 11:00 ގެ ރެކޯޑްތައް ދައްކާ ގޮތުގައި، ހދ. ހަނިމާދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްގަ އެވެ. މާލޭގައި 35.6 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ލ. ކައްދޫގައި ހުރީ 35.5 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އައްޑޫ ގަމުގައި ހުރީ 35.1 ޑިގްރީ ސެލްސިއަސްގަ އެވެ. 

އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. 

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ އިރުވައިގެ ހަވަނަ ނަކަތް ކަމަށްވާ ހިޔަވިހަގެ 12 ވަނަ ދުވަހެވެ. މި ނަކަތުގައި ކަނޑުތައް ވަރަށް ބޮޑަށް މަޑުވެ، ވައި ވެސް މަޑުވާނެ އެވެ. އަދި ދުވާލައި ރޭގަނޑު ވެސް ހޫނުވާނެ އެވެ.