ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވަރަށް ހޫނު ގަދަ ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ. 

ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. 

މިއަދު ހެނދުނު 11:00 ގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔައީ މާލޭގަ އެވެ. އެއީ 36.8 ޑިގްރީ ސެލްސިއަސް އަށެވެ. 

އިރުވައިގެ އެންމެ އަވިގަދަ ދުވަސްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާން ފެށީ މިދިޔަ މަހު ފަހުކޮޅުން ފެށިގެންނެވެ. 

ހޫނުގަދަވުމުން އަވިން ސަލާމަތްވުމަށް މީހަކު ކުޑަ ނަގައިގެން ދަނީ: މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހޫނުގަދަވުމުން އަވިން ސަލާމަތްވުމަށް މީހަކު ކުޑަ ނަގައިގެން ދަނީ: މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. 

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ އިރުވައިގެ އަށްވަނަ ނަކަތް ކަމަށްވާ ފަސްބަދުރުވައިގެ 13 ވަނަ ދުވަހެވެ. މި ނަކަތުގައި އާންމުކޮށް އުޑުމަތި ވަރަށް ސާފުވެފައި، ހޫނުގަދަވާނެ އެވެ.  

އިރުވައި މޫސުން ނިމި، މި އަންނަ މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ.