ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މިވަގުތު ހުރީ އެވްރެޖުކޮށް 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މޫސުމީ ރެކޯޑްތަކުން ދައްކައިފި އެވެ. 

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކުރި ރެކޯޑްތައް ދައްކާ ގޮތުގައި، އެންމެ ހޫނުގަދައީ މާލެއަށެވެ. މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އެ ވަގުތު ހުރީ 37.3 ޑިގްރީ ސެލްސިއަސްގަ އެވެ.

ހދ. ހަނިމާދޫގައި 36.4 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ލ. ކައްދޫގައި ހުރީ 36.4 ޑިގްރީ ސެލްސިއަސް އެވެ. ގދ. ކާޑެއްދޫގައި 35.9 ޑިގްރީ ސެލްސިއަސް އަދި އައްޑޫގައި 35.6 ޑިގްރީ ސެލްސިއަސް އެވެ. 

ވަރަށް ހޫނުގަދަ ދުވަހަކަށް ވާއިރު، މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަށް މާލޭގައި ބަޔަކު ވޯޓުލާ މަރުކަޒެއްގެ ބޭރުގައި މަޑުކޮށްލައިގެން: މިއަދު އިހުސާސްކުރެވޭ ހޫނުމިން ވަރަށް މަތި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަށް މާލޭގައި ބަޔަކު ވޯޓުލާ މަރުކަޒެއްގެ ބޭރުގައި މަޑުކޮށްލައިގެން: މިއަދު އިހުސާސްކުރެވޭ ހޫނުމިން ވަރަށް މަތި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ހެނދުނު 8:00 ގައި ވޯޓުލާން ފެށި ފަހުން ދެ ގަޑިއިރުގެ ތެރޭގައި ވަނީ 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން 13 ޕަސެންޓެވެ. 

މިއަދަކީ ގިނަ ވަގުތު ބޭރުގައި އުޅެން ޖެހިދާނެ ދުވަހަކަށް ވުމުން، ގަދަ ހޫނުގެ ސަބަބުން ޑީހައިޑްރޭޓްވުން ނުވަތަ ހަށިގަނޑުން ފެން މަދުވުމާއި ހީޓް ސްޓްރޯކް ކަހަލަ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.

  • ގިނައިން ފެން ބުއިން: ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
  • އަވިން ސަލާމަތްވުން: ހެނދުނު 10:00 އާއި ހަވީރު 04:00 އާ ދެމެދު އަވީގައި އުޅުން މަދުކުރުމާއި ކުޑަ އެޅުމާއި ސަން ސްކްރީން ބޭނުންކުރުން
  • ހެދުން އެޅުން: ލުއި ނުވަތަ ކުލަ ފަނޑު އަދި ދޫ ހެދުން އެޅުމާއި ތޮފި އެޅުން
  • ހާއްސަ ސަމާލުކަން: ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޭރުގައި މަސައްކަތްކުރާ މީހުން އިތުރަށް ސަމާލުވުން

އިރުވައި މޫސުން ފެށުމުން، ޖެނުއަރީ މަހުން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. 

އިރުވައި މޫސުން ނިމި، މި މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވިއްސާރަކުރާނީ މެއި މަހުން ފެށިގެންނެވެ.