ކޮންމެ އަހަރަކު ވެސް މަދުވެގެން 195 ދުވަހު ސްކޫލުގައި ކިޔަވައިދޭން ޖެހޭ ގޮތަށް ބަދަލުކުރުމަށް ތައުލީމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ބިލުގައި ހިމަނައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް، ތައުލީމުގެ ގާނޫނަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމެނޭ ގޮތަށް މަދުވެގެން 195 ދުވަސް ކަނޑައަޅަން ޖެހެ އެވެ. 

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއީ ދިރާސީ އާ އަހަރާއި ކިޔަވައިދޭންޖެހޭ އެންމެ މަދު ދުވަސްތައް ގާނޫނެއްގައި ހިމަނަން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ވެސް ރާއްޖޭގައި މަދުވެެގެން ކިޔަވައިދޭންޖެހޭ ދުވަހުގެ އަދަދު ކަނޑައަޅާފައިނުވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި އަބަދުވެސް އައީ ގާތްގަނޑަކަށް މިހާރު ކަނޑައަޅަން ނިންމާފައިވާ އަދަދާ ގާތް ކުރާ އަދަދަކަށް ކިޔަވައިދެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިހާރު މިހާ ހިސާބަށް އައިއިރު ވެސް ނޯންނާނެ ރާއްޖޭގައި މަދުވެގެން ކިޔަވައިދޭންޖެހޭ ދުވަސްތަކެއް ކަނޑައަޅާފައެއް. އެހެންވީމަ އެންމެ މަދުވެގެން އަލަށް ކިޔަވައިދެވޭނެ ދުވަސް ކަނޑައެޅުން،" 

ސްކޫލުތަކުގައި މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ބަދަލުކުރުމަށް ތައުލީމުގެ ބިލުގައި ހިމެނިއިރު މިނިސްޓަރު ވިދާޅުވީ ޔޫކޭގެ އެކަޑަމިކް ކަލަންޑަރުގައި އަހަރަކު މަދުވެގެން 190 ދުވަހު ކިޔަވައިދޭންޖެހޭ ކަމަށެވެ. 

"އެހެންވީމާ ރާއްޖޭގައި މިހާރު އަޅުގަނޑުމެން މި ކަނޑައެޅީ ކުރީގައި ވެސް އަޅުގަނޑުމެން ހިފަހައްޓަމުން އައި އުސޫލެއް. އެކަމަކު ރާއްޖޭގެ އެއްވެސް ގާނޫނަކުން ވެސް ލާޒިމުކޮށްފައި ނެތް މަދުވެގެން މިހާ ދުވަސް ވަންދެން ކިޔަވައިދޭން ޖެހޭނެއެކޭ. އެހެންވީމާ މުޅިން އަލަށް ގާނޫނަށް މި ގެންނަނީ މިނިމަމްކޮށް ކިޔަވައިދޭން ޖެހޭ ދުވަސް." 

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ކިޔަވައިދޭނީ 163 ދުވަހު އެވެ. އަދި 201 ދުވަހު ސްކޫލުތައް ހުޅުވާފައި ހުންނާނެ އެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ކަނޑައަޅާފައި ވަނީ ފަހުން ހާލަތެއް މެދުވެރިވިޔަސް، މަދުވެގެން 195 ދުވަހު ކިޔަވައިދެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފަަށަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގައި ކަމަށެވެ. އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ނުފެށޭ ހާލަތެއް ދިމާވި ނަމަވެސް އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަން ޖެހެ އެވެ.