ދިރާސީ އަހަރުގެ ކިޔެވުން ފަަށަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގައި ކަމަށް ތައުލީމުގެ ގާނޫނުގައި ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލްގައި ހިމަނައިފި އެވެ.
މި ބަދަލު ގެންނަނީ ރައްޔިތުންގެ މަޖިލީހަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ބިލުންނެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ހޯމް ސްކޫލިން ތައާރަފްކުރުން ފަދަ މުހިއްމު ކަންކަން ހިމަނާފައިވާ އެ ބިލުގެ ފުރަތަމަ ކިއުންް މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އެ ބިލުގައި، ރާއްޖޭގެ ދިރާސީ އަހަރު އަދި ދިރާސީ ކަލަންޑަރުގައި ކަނޑައަޅާނެ އުސޫލުތަކެއް ހިމަނާފައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން:
- ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ފަށަން ޖެހޭނީ ޖެނުއަރީގައި
- އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ނުފެށޭ ހާލަތެއް ދިމާވި ނަމަވެސް އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަން ޖެހޭ
ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލުމުން އޭގައި ހިމަނަން ޖެހޭނެ ކަންކަން ވެސް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން 8 ކަމެއް ހިމަނަން ޖެހެ އެވެ. އެއީ
- ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަސް
- ކިޔަވައިދޭ ދުވަސް
- ކިޔަވައި ނުދޭ ދުވަސް
- ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސް
- އިމްތިހާނު ބާއްވާނެ ދުވަސް
- ދިރާސީ އަހަރު އަލަށް ވަންނަ ދަރިވަރުން ވަންނާނެ މުއްދަތު ހުޅުވާލާ މުއްދަތު
- އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް ކަނޑައެޅިފައިވާ ދުވަސްވަރު
- ސްކޫލުގެ ޗުއްޓީ ދުވަސްތައް
ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް މަދުވެގެން 195 ދުވަސް ކަނޑައަޅަން ޖެހެ އެވެ.
ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރު، ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާނު ވެސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އޭގެ އިތުރުން ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުން ނަގާ ޓެސްޓުތައް ބާއްވާނެ ނިޒާމެއް މިނިސްޓްރީން ކަނޑައަޅަން ޖެހެ އެވެ. އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ވެސް އެގޮތް ހިމަނަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
މިކަން ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މި އަހަރު ޖެނުއަރީގައި ވަނީ ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލު ވެސް ކޮށްފަ އެވެ.
ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތައުލީމުގެ ގާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.