ސްކޫލްތައް އޭސީކުރަން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ 61 ޕަސެންޓް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތް އޮތް ހިސާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ފެށީ ޖުމްލަ 217 ސްކޫލެއްގައި ކަމަށާއި އޭގެ ތެރެއިން 61 ޕަސެންޓްގެ ސްކޫލުގެ މަސައްކަތް މިއަދާ ހަމައަށް ނިމިފައިވާ ކަމަށެވެ.

މިއަދު މަޖިލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
މިއަދު މަޖިލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ބާކީ ހުރި ސްކޫލްތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކޮށް ކަރަންޓުގެ މަސައްކަތް ނިންމާލުމަށް، ހުރިހާ ސްކޫލުތަކަށް ވެސް މިހާރު ވާނީ އޭސީތައް ފޮނުވިފައި،" އިސްމާއިލް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓު ވަރަށް އަވަހަށް ނިންމަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެ ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށް ވާތީ ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލުތަކުގައި މަސައްކަތް ނިންމާލުން ކަމަށެވެ.

މިއަދު މަޖިލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
މިއަދު މަޖިލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު ސޮއިކުރީ މިދިޔަ އަހަރު އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި އެ ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.