މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތޭވީހަކަށް ޕްރިންސިޕަލުން އެ ޕްރިންސިޕަލުން ތިއްބަވަން ޖެހޭ ރަށް ނޫން އެހެން ރަށްރަަށަށް ބަދަލުކޮށްފައި ތިބި ކަމަށާއި ސިޔާސީ ވަކި ފިކުރެއްގައި އުޅޭތީ ފިޔަވަޅު އެޅި މައްސަލާގައި 200 އަށް ވުރެ ގިނަ ޝަކުވާ ޓީޗަރުންގެ ފަރާތުން ލިބިފައި ހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ރަށް ބަދަލުކޮށްފައިވާ ޕްރިންސިޕަލުންގެ ކަންތައް ރަނގަޅު ކޮށްފައިވާ ކަމަށާއި މިހާރު މުވައްޒަފުން ތިބޭނީ ތިބެން ޖެހޭ ތަންތަނުގައި ކަމަށެވެ. ޓީޗަރަކަށް އަދި ޕްރިންސިޕަލަކަށް ވެސް، ސިޔާސީ ފިކުރާ ގުޅުަވައި  މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މަގާމާ ހަވާލުވީ އިރުގައި، މިސަަރުކާރު އައި އިރުގައި ތޭވީހަކަށް ޕްރިންސިޕަލުން އެކިއެކި، ހުންނަން ޖެހޭ ރަށް ނޫން ރަށްތަކަށް ކުރީސަރުކާރުން ބަދަލުކުރިމެ، އިނގޭތޯ، މިޙާރު އެ ހުރިހާ ކަމެއް ރަނގަޅުކޮށް، އެ މުވައްޒަފަކު ހުންނަން ޖެހޭ ތަނުގައި ބަހައްޓާފައި ހުންނާނީ،" އިސްމާއިލް ވިދާޅުވި އެވެ.

"ހަމަ އެއާ އެކުަގައި ޓީޗަރުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ބަލައިލާ އިރުގައި ވެސް 200 އަށް ވުރެ ގިނަ ޝަކުވާ ޓީޗަރުންގެ ފަރާތުން ލިބިފައިވޭ، ތިމަންނާމެން ވަކި ސިޔާސީ ފިކުރެއްގައި ހުރުމުގެ ސަބަބުން، ތިމަންނާމެންނަށް މިވަނީ ފިޔަވަޅު އަޅާފައޭ."

މިސަރުކާރުން އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މުވައްޒަފުންނާ ދޭތެރޭ އިންސާފުން ބޭރުން ފިޔަވަޅެއް ނާޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދު އިރުޝާދު ދެއްވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރަމުން އަންނަނީ ރައީސް މުއިއްޒުގެ އެ އިރުޝާދާ އެއްގޮތަށް ކަމަށާއި އެފަދަ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން ވަނީ ވަރަށް ގިނަ ޓީޗަރުންނަށް އިންޒާރުދީ، ބަޔާން ނަގައި މަގާމުން ވެސް ވަކިކޮށްފަ އެވެ. އެ ތުހުަމަތު ތަކާ އެކު، އޭނާ އެއްސެވީ މި ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ވާނެތޯ އެވެ.

"ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް، އެއްވެސް މުދައްރިސަކަށް، އެއްވެސް ޕްރިންސިޕަލަކަށް މިހާ ހިސާބަށް ފިޔަވަޅު އަޅާފަކާ ނޯންނާނެ. ސަރުކާރާ ދެކޮޅު ވިޔަސް، އެ ސަރުކާރާ ދެކޮޅު ޕްރިންސިޕަލަށް ވެސް ފިޔަވަޅު އަޅާފައި ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޑިއުކޭޝަން މިނިސްޓަރު ވަޑައިގެންނެވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންގެ ތެރެއިން ބަޔަކު ރަޖިސްޓްރީ ކުރި ޔޫނިއަނެއް ހަރަކާތްތެރިވުން، އެ ސްކޫލްގެ ޕްރިންސިޕަލް މަނާކުރައްވާފައި ވާތި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

އެެ ސުވާލަށް ޖަވާބު ދެއްވަމުން އިސްމާއިލް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓްރީކުރި މަސައްކަތްތެރިންގެ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ސްކޫލްގެ މެނޭޖްމަންޓުން އެންގީ އެއީ ދައުލަތުގެ މުައްސަސާއެއްގެ ނަން ބޭނުންކޮށްފައި ވާތީ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފްް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އާއްމު ކުންފުނިތަކާ ހިލާފަށް ސްކޫލް/މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.