ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމާ ގުޅޭގޮތުން "އަހާ" ފޯރަމްގައި ޓީޗަރަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ކިޔަވާ ދިނުމަށް ޓީޗަރުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމަށް އެކަށީގެންވާ ގާބިލްކަން ހުރި "ޓީޗަރުންގެ ފޯސްއެއް" ރާއްޖޭގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށް އަންނަ އަހަރުގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް އެބަކުރެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ގެނެސްދޭ އަހާ ފޯރަމްގައި އެޑިޔުކޭޝަން މިނިސްތަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ގެނެސްދޭ އަހާ ފޯރަމްގައި އެޑިޔުކޭޝަން މިނިސްތަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް މިދިޔަ މަހު އެ ވާހަކަ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ މަނިކުފާނު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.

"ކިރިޔާ ވެސް ގޮންޖެހުމެއް މި އޮތީ ސްކޫލް އިންފްރާންސްޓްރަކްޗާގެ ތެރޭގައި، އެކިއެކި ކްލާސްރޫމުތަކުގައި ހުރި ވަސީލަތްތަކަށް. މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މި ކުރާ ކަމަކީ އަތޮޅުތެރޭގައި ވެސް އަދި މާލޭގައި ވެސް މިހާރު ހުރި ހާލަތު ރަނގަޅު ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"ޓީޗަރުންނަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އަޅުގަނޑު ގަބޫލުކުރަން ކޮންމެ ޓީޗަރަކަށް ރާއްޖޭގެ ސްކޫލުތަކުގައި ކޮމްޕިއުޓަރު ގާއިމް ކުރެވިފައެއް ނުހުރޭ. އެހެން ދާއިރާތަކާ ހިލާފަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައި އޮތް ކަމެއް އެއީ."

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ގެނެސްދޭ އަހާ ފޯރަމްގައި އާންމުން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ގެނެސްދޭ އަހާ ފޯރަމްގައި އާންމުން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ޓީޗަރަކަށް ކޮމްޕިއުޓަރުގެ ވަސީލަތް ފޯރުކޮށްދިނުމަށް ނިންމެވީ މަސައްކަތުގެ ބުރަ ކުޑަކޮށް، ކިޔަވައިދިނުމުގެ މާހައުލު ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްމާއިލް ދެއްވި ޔަގީންކަމަކީ ކޮންމެ ޓީޗަރަކު ވެސް މަސައްކަތް ކުރަން ބޭނުންވާ "މެޝިނަރީ" ކޮންމެ ސްކޫލެއްގައި ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ނިމުމުން ކުރިއަށް ގެންދާނެ ކަމަށެވެ.