މިހާރު ސޯޝަލް ސައިންސް މާއްދާގެ ތެރެއިން ކިޔަވައިދެމުން އަންނަ ގައުމިއްޔަތު މާއްދާއަށް އަންނަ އަހަރު އާ ބަދަލު ތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އެ މާއްދާ ކިޔަވައިދިނުން އިތުރަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން، ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދޭ "އަހާ" ފޯރަމްގައި ޓީޗަރަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ކީ ސްޓޭޖްތަކަށް، ގައުމިއްޔަތުގެ މާއްދާ ތައާރަފް ކުރަމުން އަންނަ ކަމަަށެވެ.
އެންމެ ފުރަތަމަ އަހަރު ކީސްޓޭޖް 1 އަދި 2 އަށް ތައާރަފް ކުރިއިރު މިހާރު ކީ ސްޓޭޖް ތިނަކާ ހަަމައަށް ތައާރަފް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ މާއްދާ ތައާރަފް ކުރުމުން ލިބޭ މައުލޫމާތަށް ބަލައި އަންނަ އަހަރު ކުދި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
"އެއީ މި އަހަރުގެ މަޖިލީހުގެ ހުޅުވުމުގެ ޖަލްސާގައި އިއްޒަތްތެރި ރައީސް ވަރަށް މުހިންމު ކަމަކަށް އަލިއަޅުވާލެއްވި. އެއީ ރާއްޖޭގައި އަޅުގަނޑުމެންގެ ކާބައިންގެ ފަރާތުން އަޅުގަނޑުމެން ވާރުތަ ކޮށްފައިވާ ރިވެތި އާދަތައް އަޅުގަނޑުމެންގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން ވާނީ ބިންގާ ޕްރޮގްރާމެއް ވެސް ފަށާފައި،" އިސްމާއިލް ވިދާޅުވި އެވެ.
"އެ މާއްދައިގެ ތެރޭގައި ގައުމިއްޔަތާއި އަހުލާގު ހިމެނޭ ގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ގައުމިއްޔަތުގެ މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ވާހަކަ އާއި ދިވެހި ގައުމުގެ މުހިންމު ބަހާތަކާއި ހަމައެއާއެކު ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ ރިވެތި އަހުލާގާއި ސުލޫކު އޭގެ ތެރެއަށް އިންޓަގްރޭޓް ކުރުމަށް މަސައްކަތް ކުރާ ވާހަކަ ދަންނަވާލަން."
ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އެވެ.
އެ މާއްދާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ދިވެހި ތާރީހާއި ސަގާފަތާއި ގައުމީ އަބްތާލުންގެ ޖިހާދާއި ދިވެހި ބަހުގެ އިތުރުން ގައުމީ ނިޝާންތަކަށް އިހުތިރާމް ކުރުން ހިމެނެ އެވެ.