އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެޑިޔުކޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކީސްޓޭޖް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެއީ ގްރޭޑް 1، 2 އަދި 3ގެ ދަރިވަރުންގެ ފޮތްތަކެވެ.

އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު  ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ފޮތްތަކަށް ގެންނަން ނިންމާފައި ވަނީ ކޮން ކަހަލަ ބަދަލުތަކެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ  ފޮތްތައް ބަދަލު ކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށެވެ.

"ފޮތެއް އޮތަސް އެދުރެއް ނުވާނެ. ފޮތެއް ނޫން މުހިންމީ ހަގީގަތުގައި. މުހިންމީ އަޅުގަނޑުމެންގެ މި ތުއްތު ދަރިވަރުންގެ ތައުލީމު ބައްޓަން ކުރަން ވިސްނާ ގޮތް، ހަގީގަތުގައި މީގެ އެންމެ ބޮޑު ބަދަލެއް އަންނާނީ އެކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އޭލެވެލް ކިޔަވާ ކުދިންގެ އަދަދު މަދު ކަމުގެ ވާހަކަ އެވެ. 

އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޓީޗަރުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޓީޗަރުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރިން 30 ޕަސެންޓު ނުވަތަ 40 ޕަސެންޓުގައި އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު ހުރި ނަމަވެސް މިހާރު އެ އަދަދު 50 ޕަސެންޓަށް މަތި ކުރެވިފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މާލެ ވޮކޭޝަނަލް ސްކޫލުން ހުޅުވާލާ ފުރުސަތުތަކާއެކު އެ އަދަދު 60 ޕަސެންޓަށް މަތި ކުރުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދެމުން އައި ފޮތްތައް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހުން ފޮތްތަކަށް ބަދަލު ގެންނަ މިއީ ފުރަތަމަ ފަހަރެވެ.