އައްޑޫ ހައި ސްކޫލްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަރިވަރަކާއި ޓީޗަރަކާ މެދު ހިނގީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ދަރިވަރާއި ޓީޗަރާ ދެމެދު ހިނގި ކުރިމަތިލުމެއްގައި، ޓީޗަރުގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. އެ ކަހަލަ އަނެއް ހާދިސާ މިދިޔަ ހަފުތާގައި ވަނީ ފެންމަތިވެފަ އެވެ. ކްލާސް ގަޑީގައި ގޭމް ކުޅެން އިން ދަރިވަރަކު ހުއްޓުވަން އުޅުނު ބިދޭސީ ޓީޗަރުގެ މޫނުމަތީގައި ޖަހައި ނޭފަތް ބިންދާލީ އެވެ. މި ދެ މައްސަލާގައި ވެސް ޓީޗަރުންގެ އިންތިހާ އަށް ކަންބޮޑުވުން އެބައޮތެވެ.
މިއީ، ދަރިވަރުންގެ ފަރާތުން ހިނގައިގެން ވާނެ ކަމެއް ނޫނެވެ. ކިތަންމެ މަދުން ނަަމަވެސް ޓީޗަރުންނަށް މިކަމުގެ ބިރުވެރިކަން އެބައޮތެވެ. ސްކޫލްތަކުގައި އެ މީހުންގެ ރައްކާތެރިކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މައްސަަލައަކީ، ޓީޗަރުން ވިދާޅުވާ ގޮތުގައި، އެކަށީގެންވާ ފިޔަވަޅު ނޭޅުމެވެ.
"ދަރިވަރުންގެ ހައްގުތައް ޓީޗަރުންނަށް ވުރެ ގިނަ. އެހެންވެ ފިޔަވަޅު ނޭޅެނީ،" މިފަދަ މައްސަލަތަކުގައި ވާހަކަ ދައްކަވާ ޓީޗަރުން ވިދާޅުވަނީ މިހެންނެވެ.
ބެލެނިވެރިންނަށް ފަހު ދަރިވަރުންގެ އަހުލާގާއި މިޒާޖު އެންމެ ގާތުން ފެންނާނީ ޓީޗަރުންނަށެވެ. ދަރިވަރުންގެ ތެރޭގައި، އެކި މިޒާޖުގެ ދަރިވަރުން ތިބޭއިރު، އޭގެ ތެރޭގައި "އިސްލާހު ކުރަން" ޖެހޭ ކުދިން ތިބެ އެވެ. އެކަން ސްކޫލްތަކުގެ މެނޭޖްމަންޓާ، ޓީޗަރުން ހިއްސާކުރިއަސް ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ. ހައްލު ހޯދަން ވެފައި އޮތީ މި މައްސަލައަށެވެ.
"ދަރިވަރުންނަށް އަދަބު ނުދެވުން ކަންބޮޑުވުމަކަށް"
ތައުލީމީ ނިޒާމުގައި، ކުރިން އޮންނަނީ ދަރިވަރުން ކުރާ ކުށްތަކަށް އަދަބު ދެވޭ ގޮތަށެވެ. ކުދިންގެ ތަރުބިއްޔަތުގެ ތެރޭގައި ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ހިމެނީ، ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނަށް މިކަން މިގޮތަށް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރެވިގެންނެވެ. އެކަމަކު، 2018 ގައި ހެދި އެ އުސޫލަށް އަމަލުކުރުން ދުވަސްކޮޅަކަށް ފަހު ހުއްޓާލީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކުލަވައިލި އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، ދަރިވަރުންގެ ކިބައިން ފެންނަ ނޭދެވޭ އަމަލުތަކަށް އަވަހަށް ފިޔަވަޅު އަޅަން ޖެހެ އެވެ.
އެކަމަކު އެ ފިޔަވަޅަކީ، ޖިސްމާނީ ފިޔަވަޅެއް ނޫނެވެ. އެއީ ބެލެނިވެރިޔާ ބައިވެރި ކޮށްގެން މަޝްވަރާކުރުމެވެ.
ދަރިވަރުންނަށް އިސްލާހީ ފިޔަވަޅު އަޅާއިރު، އެކަމެއް ހިނގި ގޮތް ސާފުކޮށް މައުލޫމާތު އެއްކުރަން ވެސް ޖެހެ އެވެ. ނަމަވެސް ދަރިވަރުގެ ކިޔެވުން ގެއްލޭނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އޭގައިވެ އެވެ. މިސާލަކަށް ސަސްޕެންޑްކުރުން ނުވަތަ ފިލާވަޅު ގެއްލޭ ގޮތަށް ކްލާހުން ބޭރަށްލުން ފަދަ ކަމެއް ނުކުރެވެ އެވެ.
މި އުސޫލަށް އަމަލުކުރުން ހުއްޓާލާފައި އޮއްވައި އައްޑޫ ހައި ސްކޫލްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން އަނެއްކާވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރަން ފިޔަވަޅު އެޅޭ ގޮތަށް ހަދައިފަ އެވެ. އެއީ ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން އިސްލާހު ކުރަން ސަސްޕެންޑްކޮށް، އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރި ކުރުމެވެ.
އެކަމަކު، މި ޕްރޮގްރާމް ހިންގާ ގޮތުން ދަރިވަރުންގެ އަހުލާގަށް އެދެވޭ ބަދަލެއް އަންނަ ކަމަކަށް ބައެއް ޓީޗަރުން ގަބޫލެއް ނުކުރައްވަ އެވެ. ތަފާތު ހިޔާލުތައް އެ ނިންމުމުގައި ވެ އެވެ.
"އޭރު ހުރިހާ ސްކޫލަކަށް އެންގި އަހުލާގު ކިޔަވައިދޭ ޕްރޮގްރާމް އެ ކަހަލަ ކުދިންނަށް ނަގައިދޭން. އެކަމަކު ނަމެއްގައި އެކަން ވެސް ކުރަނީ. އެއީ، މި ސްކޫލުގައި އެ ކަހަލަ ކުދިން ގެންދާނެ ލައިބްރަރީއަށް ނޫނީ އެހެން ތަނަކަށް ވަކިން ގެންގޮސް ކިޔަވައިދެނީ. އެކަމަކު އެއީ އެ ކަހަލަ ކުދިން ރަނގަޅު ކުރެވޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޓީޗިން ދާއިރާގައި އުޅުއްވާތާ ނުވަ އަހަރު ވެފައިވާ ޓީޗަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހުލާގީ ފެންވަރު ދަށްކޮށް އުޅޭ ކުދިން ރަނގަޅު ކުރެވޭނީ އެ ކުދިންނަށް ދޭން ޖެހޭ އެންމެ ހަރުކަށި އަދަބު ދީގެން ކަމަށެވެ. ޓީޗަރުންނަށް އަނިޔާ ވަނީ ވެސް އެފަދަ އަދަބުތައް ނުދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރުން ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލު މާހައުލުގައި އެ މީހުންގެ ރައްކާތެރިކަން ނެތުމެވެ.
"މިއަދު ޓީޗަރުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި. ކުއްޖެއްގެ އަހުލާގު އިސްލާހު ކުރަން ބަހެއް ބުނަން ވެސް ޖެހިލުންވޭ. ކުދިންގެ ހައްގުތައް އެހާ ގިނަ. އެކަމަކު އަޅުގަނޑުމެން ޓީޗަރުން، ކިހިނެއްތޯ ހަދާނީ؟ ދާނީ ކޮން ތަނަކަށްތޯ؟،" ނަން ނުޖެހުމަށް އެދިވަޑައިގެން ވާހަކަ ދެއްކެވި ޓީޗަރަކު ވިދާޅުވި އެވެ.
"ލިބޭ އަނިޔާއަށް އެކަށީގެންވާ ހިމާޔަތެއް ނުލިބޭ."
އެހެން ޓީޗަރަކު ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން ޓީޗަރުންނަށް ލިބޭ ހިމާޔަތަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. ގިނަ ފަހަރަށް މައްސަލަ ނިމިގެންދަނީ ޓީޗަރުގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ކުރާ މިފަދަ ބޮޑެތި ކުށްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާއަކީ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި އޮތް ބޮޑު ބަހުސެކެވެ. ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި "ނޯ ޗައިލްޑް ލެފްޓް ބިހައިންޑް" ސިޔާސަތުގެ ދަށުން، ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް ދަރިވަރަކު ސްކޫލުން ވައްކެއް ނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން އެހެން ދަރިވަރުންނަށް ވެސް އެއީ ނުބައި ނަމޫނާއަކަށް ވެ އެވެ.
މައްސަލައަކީ ޓީޗަރުންނަށް އިހުތިރާމް ނުކުރާ މުޖުތަމައުއެއް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މި މައުލޫއުގައި ފާހަގަކުރެއްވި އެއް ކަމަކީ ޓީޗަރުންނަށް އިހުތިރާމް ނުކުރާ ސަފާގަތެއްގެ ބިރުވެރިކަމެވެ. ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ފާހަގަކުރެވޭ އެއް ކަމަކީ ޓީޗަރުންނަށް އިހުތިރާމް ކުރުން ކަމަށް ވާއިރު ރާއްޖެ ވެސް ދާން ޖެހެނީ އެ މިސްރާބަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއާ އެކު، މިނިސްޓަރު ވިދާޅުވީ ކޮންމެ ސްކޫލަކުން ވެސް ފެންނާނީ އެ މުޖުތަމައެއްގައި ހިނގާ ކަމެއް ކަމަށެވެ.
"ސްކޫލްގެ މުޖުތަމައުގައި އޮތް ކަމެއް ރަށުގެ މާހައުލުގައި އޮތް ކަމެއް ސިޓީއެއް ވެއްޖިއްޔާ އެ ސިޓީއެއްގެ މާހައުލުގައި އޮތް ކަމެއް ނަކަލު ކޮށްގެން އެ ކަންތައް ހަގީގަތުގައި ސްކޫލް ތެރޭގައި ތަކުރާރުވަމުން ދަނީ،" މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ނުވަތަ ކުދިން ޓީޗަރުންނަށް އިހުތިރާމް ކުރުވުމުގެ ސަގާފަތެއް އުފެދެން އޮތީ ގޭތެރޭގެ މާހައުލެވެ.
"މުޖުތަމައުގައި ނެތް ކަމެއް އަޅުގަނޑަކަށް ހީއެއް ނުވޭ ސްކޫލަކުން ފެނިދާނެ ކަމަށް. އެހެންވީމާ ޓީޗަރުންނަށް އިހުތިރާމް ކުރުމުގެ މާހައުލެއް އުފެއްދުން ނޫނިއްޔާ އަސްލު ފައްޓަން ޖެހެނީ ގޭތެރޭގެ މާހައުލުން. އެއާ އެކު މުޅި މުޖުތަމައުގައި އެ ތަސައްވުރު އުފެދިއްޖިއްޔާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ޓީޗަރުންނަށް އިހުތިރާމް ކުރާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުދިންގެ އަހުލާގުގެ ވާހަކަ ދައްކާއިރު ޒަމާނަށް އަންނަމުންދާ ނުރަނގަޅު އޮއިވަރުގެ އަސަރު މިހާރު ފަސޭހައިން ކުދިންނަށް ކުރެ އެވެ. މިއީ ސޯޝަލް މީޑިއާ އާއި މޮބައިލް ފޯނުގެ ޒަމާން ކަމަށް ވާއިރު އެއާ ދުރުގައި ބެލެނިވެރިންނަށް ވެސް އުޅެވޭކަށް ނެތެވެ. ބެލެނިވެރިންނަށް އެ މީހުންގެ ކުދިންގެ ކަންކަން ނުބެލޭ ހާލަތަށް ސޯޝަލް މީޑީއާގެ ތެރެއަށް ވަނީ "ގަންބާލައިފަ" އެވެ.
ބެލެނިވެރިއަކު ބުނި ގޮތުގައި ކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާއިރު، އެހެން ކުދިންގެ އުނގެނުމުގެ ހައްގާއި ޓީޗަރުންގެ ސަލާމަތަށް ވެސް ބަލަންޖެހެ އެވެ. ފިޔަވަޅު ނޭޅޭ ނަމަ ކުދިންގެ ނުބައި އަމަލުތައް ދާނީ އިތުރުވަމުން ދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިން އަދަބު ދީގެން ކުދިން އިސްލާހުވި ނަމަވެސް މިހާރު އެފަދަ އަދަބުތަކެއް ދީގެން އިސްލާހު ނުވާނެ އެވެ.
"އޭރު ކުދިންނަށް އަދަބު ދީގެން ކުދިން އިސްލާހުވި. އޭރު ކުދިން ގަބޫލުކުރޭ އަދަބެއް ދިނީމަ ދެން އިތުރު ގޮތެއް ނޯންނާނެކަން، ޖެހޭނީ އެކަން ގަބޫލުކުރަން ކަން. މީގެ 20 އަހަރު ކުރިއަށް ބަލާ ކަމަށް ވަންޏާ މިހާރާ ވަރަށް ތަފާތު. މިހާރު އެންމެން ވެސް ވަރަށް ބޮޑަށް ހޭލުންތެރި. ކުދިން ވެސް ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ތަރުބިއްޔަތު ކުރެވިފައި މި ހުންނަނީ،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
މިހާރު ކުދިންނަށް އަދަބެއް ދިނަސް ކުދިންނާއި ބެލެނިވެރިން ވެސް އެކަން ބަލައި ނުގަންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ކުއްޖާ އަށް ކުރެވުނީ ކުށެއްކަން ވިސްނައިދީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނަސޭހަތްތެރިވުން ކަމަށް ޕްރިންސިޕަލުން ވެސް ގަބޫލު ކުރައްވަ އެވެ.
ސަބަބަކީ މިހާރު އަދަބު ދީގެން ކުއްޖާ ރަނގަޅު ކުރުވަން އުޅެއްޖެ ނަމަ އޭގެން ނިކުންނާނީ ނުރަނގަޅު ނަތީޖާއެއް ކަމަށް ވާތީ ކަމަށެވެ.
ސްކޫލު މާހައުލުގައި ގޯސްކޮށް އުޅޭ، ދަރިވަރުންނާއި ޓީޗަރުންނަށް އަނިޔާކުރާ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ރަނގަޅު ކުރަންވީ ކަންކަމުގެ ގޮތުގައި ތައުލީމީ ބޭފުޅުން ފާހަގަކުރާ ކަންކަން ހުރެ އެވެ. އެގޮތުން ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް ޓީޗަރުންނަށް ކުރާ ޖިސްމާނީ އަނިޔާތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ހަރުދަނާ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރެވިދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ދަރިންގެ ތަރުބިއްޔަތުގައި ބެލެނިވެރިން މިއަށްވުރެ ބޮޑަށް ސަމާލުވެ، ޓީޗަރުންނަށް އިހުތިރާމް ކުރަން ބެލެނިވެރިންނަށް ދަސްކޮށްދިނުމާއި ހަމައެކަނި ފޮތުން ކިޔަވައިދިނުމުގެ ބަދަލުގައި، އިސްލާމީ އަހުލާގާއި އަދަބުތައް އުނގަންނައިދިނުމަށް އިސްކަންދިނުން ފަދަ ކަންކަމަކީ ކުއްޖާ އިސްލާހުކުރަން ކުރެވިދާނެ ކަންކަން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ޓީޗަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރަންޖެހޭ: މިނިސްޓަރު
މިނިސްޓަރު އިސްމާއިލް ވިދާޅުވީ ވަރަށް މަދު ހާލަތެއްގައި ކުދިންގެ ފަރާތުން ޓީޗަރުންނާ މެދު ނޭދެވޭ ގޮތަށް ކަންކަން ކުރާ ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ފިޔަވަޅު އަޅާފައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖިސްމާނީ ގޮތުން ޓީޗަރަކަށް ކުއްޖެއްގެ ފަރާތުން ކަމެއް ކުރިމަތި ކޮށްފި ނަމަ ފިޔަވަޅު އެޅުމުގެ ބާރު ދެނީ ޖުވެނަައިލް ޖަސްޓިސް ނިޒާމުގެ ތެރެއިންނެވެ. ނުވަތަ އަޅާނީ ޖިނާއީ ފިޔަވަޅެވެ.
"އެ ގަޑީގައި އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ނިޒާމު ހަރުދަނާ ކުރަންޖެހެއޭ. މިހާރަށް ވުރެ ވެސް ބޮޑަށް އަޅުގަނޑު ގަބޫލުކުރަން ޓީޗަރަށް ދޭން ޖެހޭ ސަޕޯޓް ދިނުމުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.
ޓީޗަރުންނަށް ދޭ ސަޕޯޓަކީ އެހެން ޓީޗަރަކު ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި ކުދިންގެ ފަރާތުން ކުރިމަތިވާ ކަމަކާ ހެދި ކުދިންނަށް ފިޔަވަޅު އެޅުން ވެސް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ޒަމާން ބަދަލުވެއްޖެ ކަން ޓީޗަރުން ވެސް ގަބޫލުކޮށް ޒަމާނަށް ހޭނެން ޖެހެ އެވެ.
"މި ޒަމާނުގައި މި އުޅޭ ކުދިންނަށް މާ ބޮޑަށް ހަރުކަށި ވެގެން ނޫނީ ބޮޑެތި އަދަބު ދީގެން ސްކޫލް މާހައުލުގައި ރަނގަޅު ނުވެދާނެ. ބޮޑެތި އަދަބު ދެވޭނެ ގޮތެއް ވެސް މިހާރަކު ނޯންނާނެ އެކިއެކި ހައްގުތަކާ ހެދި. އެހެންވީމާ ދެން ޖެހޭނީ ޓީޗަރުންގެ ހުނަރު ތަރައްގީކޮށް ކުރިއަރަން. ކުދިންނާ ޑީލް ކުރާނެ ޒަމާނީ ގޮތްތައް ދަސްކޮށްދޭން ޖެހޭ،" އެ ޓީޗަރު ބުންޏެވެ.
ފަހަކަށް އައިސް ހިނގި ދެ ހާދިސާގައި ޖިސްމާނީ އަނިޔާ ލިބުނީ ބިދޭސީ ދެ ޓީޗަރަކަށް ކަމަށް ވާއިރު ދިވެހި މާހައުލަށް އެ މީހުން ހޭނިފައި ތިބީ ކިހާވަރަކަށްތޯ އެއީ ވެސް ސުވާލެކެވެ. ދިވެހި ދަރިވަރުންގެ ވިސްނުމާއި އެ ރާއްޖޭގެ މާހައުލު ނޭނގި ކަންކަން ރަނގަޅު ކުރަން އުޅުނަސް އޭގެ އަސަރު ރަނގަޅު ނުވެދާނެ ކަމަށް ތަޖުރިބާކާރު ކުރީގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"ޓީޗަރުންގެ ރައްކާތެރިކަން ބޭނުންވޭ އިންތިހާ އަށް. އެކަމަކު، މީގައި ދިމާވާ ކަމަކީ ޒަމާނާ އެއްގޮތަށް ވިސްނުން ބަދަލުކޮށް، ކުދިންނާ ކުރިމަތިލާ އެޕްރޯޗު ވެސް ބަދަލުވާންޖެހޭ ކަން ގަބޫލުކުރުން. ދިވެހި ކުދިންގެ ވިސްނުން ތަފާތު ވެދާނެ އެހެެން ގައުމުތަކުގެ ކުދިންނާ،" އޭނާ ވިދާޅުވި އެވެ.
ޓީޗަރުންނަކީ ގައުމެއް ބިނާކުރުމަށް އެންމެ މުހިންމު މީހުންނަށް ވާއިރު އެ މީހުންގެ ރައްކާތެރިކަން ގެއްލިގެން ދިއުމަކީ މުޅި މުޖުތަމައު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާ ކަމެކެވެ. މިއީ ހަމައެކަނި މިނިސްޓްރީގެ ނުވަތަ ސްކޫލްގެ ޒިންމާއެއް ނޫނެވެ. މިއީ ބެލެނިވެރިންނާއި މުޅި މުޖުތަމައު ގުޅިގެން ހައްލުކުރަންޖެހިފައިވާ ގައުމީ މައްސަލައަކަށް މިހާރު މިވަނީ ވެފަ އެވެ.
ދަރިވަރުންގެ ހައްގުތައް އޮންނަ ގޮތަށް ކިޔަވައިދޭ ޓީޗަރުންގެ ހައްގު ވެސް އޮންނަން ޖެހޭނެ ކަން ގަބޫލުކޮށް އެންމެން ގުޅިގެން ހައްލެއް ހޯދަން ޖެހެ އެވެ.