ޓީޗަރުންނަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 300 ބައިވެރިންނާ އެކު މިއަދު ފަށައިފި އެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެ ކޮންފަރެންސް ކުރިއަށް ގެންދާނީ މިއަދާއި މާދަމާ އެވެ.
ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.
މިނިސްޓްރީން ބުނީ 300 ފަރާތަކުން އެ ކޮންފަރެންސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހަޅާނެ ކަމަށެވެ.
ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިއާގެ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީގެ ފަރާތުން ކީ ނޯޓް ސްޕީޗެއް ވެސް ދެއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ފުރަތަމަ ދުވަހު "ޝޭޕިން އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗާ ފޮ އެޑިޔުކޭޝަން" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް އޮންނާނެ އެވެ. ދެވަނަ ދުވަހު ބާއްވާ ޕެނަލް ޑިސްކަޝަންގެ މައުލޫއުއަކީ "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިން އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވާސް ޕެތްވޭސް" އެވެ.
ކޮންފަރެންސްގެ ބައިވެރިންނަށް ހާއްސަކޮށް ޖުމްލަ ހަތަރު ވޯކްޝޮޕެއް ބާއްވާނެ އެވެ. އަދި ގއ. މާމެންދޫ ސްކޫލާއި މުހުޔިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ތީމަކީ " ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިން އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ" އެވެ.
ޓީޗާސް ކޮންފަރެންސަކީ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް 2012 ގައި ފެށި ޕްރޮގްރާމެކެވެ. ޓީޗަރުންގެ ކޮންފަރެންސް އެންމެ ފަހުން ބޭއްވީ 2024 ގައި މާލޭގަ އެވެ.