ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރަމުން އައި ނަމަވެސް ޒިންމާދާރު ޓީޗަރެއްގެ ދައުރު ޓެކްނޮލޮޖީއަށް އަދާ ނުކުރެވޭނެ ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބް ރައިސް ވިދާޅުވީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރު ވަރަށް މުހިންމު ކަމަށެވެ.
ޓީޗަރުންގެ ކޮންފަރެންސްތަކަކީ ގައުމުގެ މުސްތަގުބަލް ބިނާކުރުމަށް ޓީޗަރުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއްކަން ފާހަގަ ކުރައްވާ ނައިބް ރައީސް ވިދާޅުވީ އޭގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާގައި ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި ޓީޗަރުން އިސްނަގައިގެން ކުރިއަށްގެންދާ ދިރާސާތަކަށް އެކަށީގެންވާ ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ތައުލީމީ ނިޒާމު ވެސް ބަދަލުވާންޖެހޭ ކަމަށާއި ޓެކްނޮލޮޖީ، އޭއައި ފަދަ ޒަމާނީ ވަސީލަތްތަކަކީ ޓީޗަރުންނަށް އާ ފުރުސަތުތަކެއް ތަނަވަސްކޮށްދީ ދަރިވަރުންގެ އުނގެނުމަށް ވެސް ގިނަ ފައިދާތަކެއް ކޮށްދޭނެ ވަސީލަތެއް ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކިތަންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީއަކަށް ވިޔަސް، ޒިންމާދާރު މުދައްރިސެއްގެ ދައުރު ފުރިހަމައަށް އަދައެއް ނުކުރެވޭނެ ކަމަށެވެ.
"އެއްވެސް ޓެކްނޮލޮޖީއަކަށް ޒިންމާދާރު މުދައްރިސެއްގެ މަގާމާއި ދައުރު އަދައެއް ނުކުރެވޭނެ. ޓެކްނޮލޮޖީގެ ސަބަބުން ކިޔަވައިދިނުމުގެ ވަސީލަތްތައް ފަހިވެގެންދިޔަ ނަމަވެސް ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ގާބިލުކަން ދެނެގަނެ، އެ ކުދިންގެ ހުނަރު އެންމެ މަތީ ދަރަޖައަށް ތަރައްގީކޮށްދެނީ މުދައްރިސުން،" ނައިބް ރައީސް ވިދާޅުވި އެވެ.
ޒިންމާދާރު، ހަރުދަނާ ޖީލެއްގެ ގޮތުގައި ދަރިވަރުން މުޖުތަމައަށް ނެރެދިނުމުގެ އެންމެ މުހިންމު މަސައްކަތް ކުރެވޭނީ ޓީޗަރުންނަށް ކަމަށާއި ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ޓީޗަރުންނަށް ބޭނުންވާ ޒަމާނީ އިލްމާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި މިއަދު ފެށި ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.