އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓީޗަރުންގެ ކޮންފަރެންސަކީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ (އެންއައިއީ) އިން ޓީޗަރުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރާ މީހުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތް ގާއިމު ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރު ފެށި ކޮންފަރެންސެކެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސް މި އަހަރު އޮންނާނީ އަންނަ މަހުގެ 12 އާއި 13 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ޝަހީދު އަލީ ސްކޫލުގަ އެވެ. 

މި އަހަރުގެ ކޮންފަރެންސަށް ހާއްސަކޮށްފައިވާ ތީމަކީ "ރީއިމޭޖް، ރީތިންކް، ރިފޯމް: އެޑްވާންސިން އިނޮވޭޝަން ފޯ އެން އިކުއިޓެބްލް އެންޑް ރެސިލިއެންޓް ފިއުޗާ" އެވެ.

ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ބޭރުގެ ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ކޮންފަރެންސްގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 29 އެވެ. ފޯމު ހުށަހަޅާނީ https://forms.gle/ynEKaw99LhqinszH7 ލިންކު މެދުވެރިކޮށެވެ.

އެ ކޮންފަރެންސްގެ ބައިވެރިން 60 އަށް ވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމާއި ހަތަރު ވޯކްޝޮޕާއި ދެ ޕެނަލް ޑިސްކަޝަން އަދި ދެ ކީނޯޓް ސެޝަން ކުރިއަށްދާނެ ކަމަށް އެންއައިއީ އިން ބުންޏެވެ.

ކޮންފަރެންސްގައި ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވައިދިނުމާއި ގުޅުން ހުރި އެކި އެކި މައުލޫތަކާއި، ކުދިން ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަން ޖެހޭ ކަންތައްތަކާއި ކޯޑިން އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތަކަށް ވެސް މަޝްވަރާ ކުރާނެ ކަމަށް އެންއައިއީ އިން ބުންޏެވެ.

އެންއައިއީ އިން ބުނި ގޮތުގައި ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ އެ ކޮންފަރެންސްތަކުގެ ސަބަބުން، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބޭނެ އެވެ.