މި ސަރުކާރު ހަވާލުވިއިރު 100 އަށް ވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޝަނުގައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ ބިރުވެރިކަން ނޯންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

އާންމުން ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ދޭ "އަހާ ފޯރަމް" ގައި، މި ސަރުކާރުން ޓީޗަރުންނަށް ކޮށްދީފައިވަނީ ކޮން ކަމެއްތޯ  ޓީޗަރަކު އެހުމުން އިސްމާއިލް ވިދާޅުވީ މި ސަރުކާރު އައިއިރު ސްކޫލުތަކުގައި ޓީޗަރުންނަށް އޮތީ ބިރުވެރި މާހައުލެއް ކަމަށެވެ. ނަމަވެސް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކަން ނައްތާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ޓީޗަރަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބިރުވެރިކަމެއް ނެތި، އެއްވެސް ކަހަލަ ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މާހައުލެއް ގާއުމް ކުރެވިއްޖެ. އަޅުގަނޑުމެން އައިއިރު އެކިއެކި ޓީޗަރުންގެ ފަރާތުން ލިބިފައި ހުރި ޝަކުވާތައް، އަދަދެއް ދަންނަވާކަށް ނެތިން، 100 އަށް ވުރެ ގިނަ ޓީޗަރުންނަށް އެކި ކަންކަމާ ގުޅިގެން އިންޒާރުދީ ސަސްޕެންޝަނުގެ އަމުރުކުރެވި ބިރުވެރި މާހައުލެއް އޮތީ، މިހާރު ނޯންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އަހާ ފޯރަމްގައި އެޑިޔުކޭޝަން މިނިސްތަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އަހާ ފޯރަމްގައި އެޑިޔުކޭޝަން މިނިސްތަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


މި ސަރުކާރުގެ އަމާޒަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތްތައް ބަލައިގަނެ، ބިރުދެއްކުމުގެ ބަދަލުގައި އުފާވެރި އަދި އަގުވަޒަންކުރެވޭ ފަދަ އެކަށީގެންވާ ވެއްޓެއް ސްކޫލްތަކުގައި ގާއިމުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ މިނިވަންކަން ޓީޗަރުންނަށް މިހާރު އޮންނާނެ ކަމަށާއި ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ޙުދު ސަރުކާރަށް ފާޑުކީ ނަމަވެސް. ވިސްނައިދެނީ، އެއްވެސް ޓީޗަރަކަށް ނޯންނާނެ ފިޔަވަޅެއް އަޅާފައެއް. ކުރީގައި އޮތް ގޮތަކަށް އާންމު ރައްޔިތުންނާ ދޭތެރޭ މި ގެންގުޅެނީ އޯގާތެރިކަން، ކުލުނުވެރިކަން، ބިރުދެއްކުމާއި ޓީޗަރުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާ މިހާރު އެޑިޔުކޭޝަން މިނިސްޓްރީގައި ނޯންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ޓީޗަރުންނަށް އަމާން މާހައުލެއް ދިނުމުގެ އިތުރުން ޓީޗަރުންގެ ނަފްސާނީ ހަމަޖެހުމާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.