ޓީޗަރުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަތިވެރި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ބަލައިގަނެ، އެ މީހުންނަށް ހައްގު ޝަރަފު ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބެލެނިވެރިންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ކޮންމެ މީހެއްގެ އަޒުމަކަށް ވެސް ވާންވާނީ ޓީޗަރުކަމުގެ ފަންނު ހިމާޔަތްކުރުމާއި އެ ފަންނުގެ ގަދަރު ހިފެހެއްޓުމާއި ޓީޗަރުންނާ އެކު ސާބިތުވެ ތިބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ސާބިތުކަމުގެ މަތީގައި ތިބެ، ސްކޫލުތަކުގައި ދޭ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމު ހަރުދަނާ ކުރުން އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ޓީޗަރުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަން ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެހެންވެ، މި ސަރުކާރުން އަންނަނީ ޓީޗަރުންގެ ގަދަރާއި އިހުތިރާމް ކުރުމުގެ ސަގާފަތް ދިރުވުމަށް މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، ޓީޗަރުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ އިއްޒަތާ އެކު، ގައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް ކަމަށާއި އެހެންވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ވެސް އެމީހުންނަށް އެތައް ޝަރަފެއް ދޭންޖެހޭ ކަމަށެވެ.
މުދައްރިސުންނަކީ ގަދަރާއި އިއްޒަތާއެކު ގައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް. ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ މުދައްރިސުން. އެހެންކަމުން އަޅުގަނޑު އެދެނީ މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގެ އެތައް ޝަރަފެއް ދެވިފައިވާ ބަޔަކަށް ހެދުމަށް. އަދި މުދައްރިސުކަމަކީ މާތް މަތިވެރި މަސައްކަތެއްކަމުގައި ބަލައިގަނެ އެ ފަންނަށް ދޭންވާ ހައްގު ޝަރަފު ދިނުމަށްޓަކާ މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ބެލެނިވެރިންނަށް އިލްތިމާސްކުރަން،
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ޓީޗަރުންނެވެ. އެއީ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަހުލާގު ވެސް ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ޓީޗަރެއްގެ ވެސް އަޒުމަކަށްވާން ވާނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އެ ކުދިން، އުނގެނުމަށް ލޯބި ޖެއްސައި ދިރިއުޅުމަށް ތައްޔާރު ވެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށްޓަކައި ޓީޗަރުންނަކީ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ ޓެކްނޮލޮޖީ އާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި އަދި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކަށް އަބަދުވެސް ތައްޔާރަށް ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.