އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓްރީކުރި މަސައްކަތްތެރިންގެ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ސްކޫލްގެ މެނޭޖްމަންޓުން އެންގީ އެއީ ދައުލަތުގެ މުައްސަސާއެއްގެ ނަން ބޭނުންކޮށްފައި ވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފްް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އާއްމު ކުންފުނިތަކާ ހިލާފަށް ސްކޫލް/މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ [ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު]ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް،" ޝަފީއު ވިދާޅުވި އެވެ.
އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސްކޫލްމަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ފުރުސަތު ދޭނަންމެ. އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭކަށް ގަސްދެއް ނުކުރާ ވާހަކަ މި ފުރުސަތުގައި އިއްޒަތްތެރި މެންބަރަށް ދަންނަވަން،" ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން ސުވާލުކުރަން ދިން ފުރުސަތުގައި މެންބަރު މައުރޫފް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ރަޖިސްޓްރީކޮށްދިނީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީން ކަަމަށާއި މޭ ޑޭގައި ހޯމް މިނިސްޓްރީން އިންތިޒާމްކުރި ރެލީގައި ބައިވެރިވާން އެ މިނިސްޓްރީން އެ ޔޫނިއަން އަށް ދައުވަތު ވެސް ދިން ކަމަށެވެ. އެހެންވީމާ އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ވެވޭނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، އެ ނަމުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މިނިނިސްޓަރު ވިދާޅުވަނީ ކޮން ގާނޫނަކުން ބާރުލިބިގެންތޯ އޭނާ އެއްސެވި އެވެ.
"އަޅުގަނޑުގެ ހިތުން ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކުރިކަމުގައި ވިޔަސް، އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތިއޭ އެ ރަޖިސްޓްރީކުރެވިފައި އެވަނީ. އަޅުގަނޑު ކޮންމެހެން އެއަކަށް މާބޮޑު ޖަދަލެއް ކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ކުރިން ދެންނެވި ޖަވާބަށް ރިއާޔަތްކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސްކޫލް މަދުރަސާތަކަކީ އެއީ ހާއްސަ ސިފަތަކަކާ ރައްކާތެރިކަމަކާ[ ދީ] ހާއްސަ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކޭ،" " މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްކަންދަރު ސްކޫލްގެ ޔޫނިއެއް އުފައްދާފައި "އިސްކަންދަރު" އެ ނަން ކިއުމުން އެ ސްކޫލް ނޫން ތަނަަކަށް އެ ނަން ނިސްބަތް ނުވާނެ ކަމަށެވެ.
ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަންއެއް ހެދުން ރަނގަޅު ނުވުމުގެ އިތުރުން ސްކޫލެއްގައި ވަކިން ޔޫނިއަން ހަދަން ނުޖެހޭ ބައެއް ސަބަބުތައް ވެސް ޝަފީއު މިއަދު ވިދާޅުވި އެވެ.
އޭގެ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ސްކޫލްމަދަރުސާތަކަކީ ގައުމުގެ ތުއްތުކުދިންނަށް ހާއްސަކުރެވިފައިވާ ވެއްޓަކަށް ވުމެވެ. އެހެންވީމާ އެތަންތަަނުގައި ހިނގާ ކޮންމެ ކަމަކީ އެ ކުދިންގެ އުނގެނުމާއި ތަރުބިއްޔަތާ ގުޅިފައިވާ އޮންނަ ތަންތަން ކަމަށް ވާތީ އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމަންޓްގެ ޒިންމާއެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް ގައުމުތަކުގައި ސްކޫލް ބޭސްޑް ޔޫނިއަންތައް ހުއްޓަސް ގިނަ ގައުމުތަކުގައި މުދަައްރިސުންގެ ހައްގު ހޯދަން މަސައްކަތްކުރަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޔޫނިއަންތައް މެދުވެރިިކޮށެވެ.