އޭލެވެލް އިމްތިހާނުގައި ވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހަތަރު ދަރިވަރަކާއި ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ހަތް ދަރިވަރަކު ހާސިލްކޮށްފި އެވެ.
ހުޅުމާލެ ސީއެޗްއެސްއީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ވަކި މާއްދާތަކުން ދުނިޔެއިން 1 ވަނަ ހާސިލްކޮށް އައުޓްސްޓޭންޑިން ލާނާސް އެވޯޑް ހަތަރު ދަރިވަރަކު ހާސިލްކޮށްފައިވެ އެވެ.
ވަކި މާއްދާތަކުން 1 ވަނަ ހޯދި ހަތަރު ދަރިވަރުން:
- އަލީ މާއިޒް މުފީދު، ސީއެޗްއެސްއީ (އިކޮނޮމިކްސް އިން ދުނިޔެއާއި ރާއްޖެއިން އެއްްވަނަ)
- ލީން އަހުމަދު ތޯރިގް، ސީއެޗްއެސްއީ (ބިޒްނަސްއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ)
- އިބާ އަހުމަދު އަލީ، ޏ. އަތޮޅު ތައުލީމީ މަރުކަޒު (ކެމިސްޓްރީން ދުނިޔެ އާއި ރާއްޖެއިން އެއްވަނަ)
- ނިޝްޔާ ވަހީދު، ސީއެޗްއެސްއީ (ބިޒްނަސް އިން ދުނިޔެ އާއި ރާއްޖެއިން އެއްވަނަ)
މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގެ ފަސް މާއްދާއިން "އޭ ސްޓާ" ހޯދައިގެން، ހަތް ދަރިވަރަކު ރައީސްގެ ސްކޮލާޝިޕް ހާސިލްކުރި އެވެ.
ރާއްޖެއިން 1 ވަނަ ހޯދާ ރައީސްގެ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުން:
- އައިޝަތު ނަބީހާ އަމީން (ސީއެޗްއެސްއީ)
- އަލީ މާއިޒް މުފީދު (ސީއެޗްއެސްއީ، ހުޅުމާލެ)
- ޔަޝާ ޝާފީ ޝަފީގު (ސީއެޗްއެސްއީ، ހުޅުމާލެ)
- ލީން އަހުމަދު ތޯރިގް (ސީއެޗްއެސްއީ، ހުޅުމާލެ)
- އައިޝަތު ލީން އަބްދުﷲ (ޏ. އަތޮޅު ތައުލީމީ މަރުކަޒު)
- ހުސެއިން ޔަމީން (ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް)
- ލައިލް ހުސައިން ހަމީދު (އަރަބިއްޔާ ސްކޫލް)
އޭލެވެލް އިމްތިހާނުން ރާއްޖެއިން އެއްވަނަ ހާސިލްކުރި އިތުރު 23 ދަރިވަރަކަށް ވެސް ރައީސް ރޭ ވަނީ އެ ރަސްމިއްޔާތުގައި އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
ދެ ދުވަހު، ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ އޭލެވެލް އަދި އޯލެވެލްގެ ގަދަ 10ގެ އެވޯޑު ހާސިލްކުރި 1،400 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.