އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް މިއަދު ދީފި އެވެ.
އެ ކުދިންނަށް އެވޯޑު ދިނީ ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާތަކުގަ އެވެ.
މިއަދުގެ ހެނދުނާއި މެންދުރު އަދި މިރޭ ބޭއްވި ޖަލްސާ އަށް ވެސް ވަޑައިގެން އެ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ފަހަރު މި ހަފުލާ ބޭއްވީ އެހެން ފަހަރުތަކާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސަޝިޕެއް ނެތި ސީދާ ސަރުކާރުގެ ހަރަދުގަ އެވެ.
އޭލެވެލްގެ 2023-2022 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ގައުމީ ގަދަ 10 ގައި 376 ކުއްޖަކު ހިމެނުނެވެ. އޯލެވެލް އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް 65 ކުއްޖަކު ހޯދި އެވެ.
އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލްކުރި ކުދިންގެ ތެރެއިން 18 ކުއްޖަކު ވަނީ ދުނިޔޭގެ ވަނަތައް ހާސިލްކޮށްފަ އެވެ.
އޭލެވެލްގައި ރާއްޖެ އިން އެއްވަނަ 12 ކުއްޖަކު ހާސިލްކުރިއިރު، ސެޓްފިކެޓް އޮފް އެކްސެލެންސް (ތިން އޭ ސްޓާ ) 27 ކުއްޖަކު ހޯދި އެެވެ. އޯލެވެލް އިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ކުއްޖަކު ހޯދި އެވެ. އަދި ރާއްޖޭން އެއްވަނައިގެ ތެރޭގައި 23 ކުއްޖަކު ހިމެނުނެވެ.