ފުލުހުންގެ ވަޒީފާ އިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދީފި އެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާ އިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ.

ނަމަވެސް އެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވެ އެވެ. 

ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ފުލުހުން ވަނީ ޝިޔާމަށް ވަޒީފާ ހަމަޖައްސައިފަ އެވެ. އޭނާ މިއަދު އެ ވަޒީފާއަށް ނުކުންނަން ފައްޓަވާފައިވާއިރު، މިއީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ. 

ޝިޔާމަށް ވަޒީފާ އަލުން އިޔާދަކޮށްފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާ ވަކިކޮށްފައިހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތް ދީފައެއް ނުވެ އެވެ. ދައުލަތުން ވަނީ ހުކުމްގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، މީހަކަށް އަނބުރާ ވަޒީފާދޭ ހާލަތުގައި އެ މީހަކަށް ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އެކަމަކު ވަޒީފާ އަނބުރާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހޭނެ އެވެ.

ޝިޔާމަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. އަދި ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކޯޓުތަކުން ބަލަން ޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކުރިތޯ އަދި އެ މިންވަރުގެ ހެކި ބޯޑަށް ލިބިފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.