ފުލުހުންގެ ވަޒީފާ އިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައި މުޅި އެ މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އެންގި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ.

ނަމަވެސް އެ ހުކުމް ބާތިލްކޮށް ހައި ކޯޓުން މިދިޔަ މަހު ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވެ އެވެ. 

އެ ހުކުމުގައި، 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ހުކުމުގައި އަންގާފައި އޮތް ބައި ބާތިލުކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. 

ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، މީހަކަށް އަނބުރާ ވަޒީފާދޭ ހާލަތުގައި އެ މީހަކަށް ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އެކަމަކު ވަޒީފާ އަނބުރާ ނުދޭނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހޭނެ އެވެ.

ޝިޔާމަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. އަދި ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކޯޓުތަކުން ބަލަން ޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކުރިތޯ އަދި އެ މިންވަރުގެ ހެކި ބޯޑަށް ލިބިފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.