ޖިނާއީ އަމަލެއް ކުރި ކަމަށް ބަލާނެ ހެއްކެއް ނެތުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ. 

މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލައި، ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް، ފުލުހުންނަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ޖިނާއީ ކުށުގެ އަމަލެއް އެ މައްސަލައިގައި ހިންގާފައިވާ ބެލެވެން ނެތުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.  

އެހެންވެ، އެ އޮފީހުން އަޒްމިރަލްދާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ، ފުލުހުން ވެސް މައްސަލަ ފައިލްކުރީ އެވެ. 

އަޒްމިރަލްދާގެ މައްސަލަ ފުލުހުން ފައިލްކުރިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ކުރީގެ ފަނޑިޔާރުގެ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް، މައްސަލަ ބަލަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދުގެ މައްޗަށް ވެސް މި ތުހުމަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ފުލުހުން އަދި އޭސީސީން ކުރި އެވެ. އެ ތުހުމަތުތަކާ އެކު، ސުއޫދު އިސްތިއުފާ ދެއްވިއިރު މަހާޒާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގާ ކުރިމަތިލައި، ޖަވާބުދާރީ ވެފަ އެވެ. 

ނަމަވެސް، ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުން ސުލޫކާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރި އެވެ. 

ސުއޫދާއި މަހާޒުގެ މައްސަލައިގައި ޕީޖީ އޮފީހުން މިހާތަނަށް ގޮތެއް ނިންމިކަން އަންގާފައެއް ނުވެ އެވެ. 

އަޒްމިރާލްދާ އާއި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި އެއް މައްސަލައަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. 

އޭގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ބެލި އެވެ. 

ސުޕްރީމް ކޯޓުގެ މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.