ޖިނާއީ އަމަލެއް ކުރި ކަމަށް ބަލާނެ ހެއްކެއް ނެތުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުކޮށް ހިންގި ތަހުގީގަށް ފަހު، ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވެ އެވެ. 

ޕީޖީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި މަހާޒުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް ފޮނުވި މައްސަލަ ދިރާސާ ކުރިއިރު، ޖިނާއީ ކުށުގެ އަމަލެއް އެ މައްސަލައިގައި ހިންގާފައިވާ ކަމަށް ބެލެވެން ނެތުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. 

މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ވެސް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ. އެހެންވެ، އެ މައްސަލަ ފައިލްކޮށްފައިވާ ކަން ފުލުހުން ވަނީ ކުރީގެ ފަނޑިޔާރަށް އަންގައިފަ އެވެ. 

މަހާޒާއި އަޒްމިރަލްދާ އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އޭސީސީން މި މައްސަލަ ބަލަން ފަށައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމާ ގުޅިގެންނެވެ. ނަމަވެސް، އެކަމުގައި ފަނޑިޔާރުން މަގާމުން ވަކިކުރިއިރު ވެސް އޭސީސީން އެ ބޭފުޅުންނާ ސުވާލެއް ކޮށްނުލަ އެވެ. 

ކުރީގެ ތިން ފަނޑިޔާރުންގެ މައްޗަށް ވެސް މަގާމުގެ ނާޖައިޒު ބޭނުންކުރި ކަމުގެ ތުހުމަތު ޖޭއެސްސީ އާއި ފުލުހުން އަދި އޭސީސީން ކުރި އެވެ. އެ ތުހުމަތުތަކާ އެކު، ސުއޫދު އިސްތިއުފާ ދެއްވިއިރު މަހާޒާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގާ ކުރިމަތިލައި، ޖަވާބުދާރީ ވެފަ އެވެ. 

ނަމަވެސް، ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުން ސުލޫކާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރި އެވެ. 

އަޒްމިރާލްދާ އާއި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި އެއް މައްސަލައަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. 

އޭގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ބެލި އެވެ. 

ސުޕްރީމް ކޯޓުގެ މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.