ފިލްމުތަކުގެ ލީޑިން ރޯލް ކުޅެން ނުލިބުނަސް އެކްޓަރު އަމިދު ސާދު އަންނަނީ ވަރުގަދަ ފިލްމުތަކުގައި ބެލުންތެރިން ތައުރީފުކުރާ ކަހަލަ ވަރުގަދަ ސަޕޯޓިން ރޯލްތަކެއް ކުޅެމުންނެވެ. ބޮލީވުޑާ ގުޅުނުތާ 10 އަހަރުގެ ތެރޭގައި އޭނާ ވަނީ ނުފޫޒުގަދަ ބައެއް އެކްޓަރުންނާ އެކު ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސަލްމާން (ސުލްތާން) އާއި އަކްޝޭ ކުމާރު (ގޯލްޑް) ރިތިކް ރޯޝަން، (ސުޕަ 30) އަމީތާބް ބައްޗަން (ސަރުކާރު 3) ފަދަ ތަރިން ހިމެނެ އެވެ.

ވިދިޔާ ބާލަން މިހާރު ކުޅެމުން އަންނަ ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" ގެ ރޯލަކުން ވެސް ފެންނަ 36 އަހަރުގެ އަމިތު ބުނިގޮތުގައި އޭނާ އަށް އާދެވިފައިވާ ހިސާބާ ދޭތެރޭ ހިތްހަމަޖެހެ އެވެ.

"އަހަރެން ޖީބުގައި އޮތް އެންމެ ތިންސަތޭކަ ރުޕީސްއާ އެކު ދިއްލީން މުމްބާއީ އަށް އަައީ. ކުރިން އަދާކުރި ވަޒީފާ އަކީ ސެކިއުރިޓީ ގާޑުކަން،" ފިލްމު "ޕޫންކް 2" އިން 2010 ގައި ބޮލީވުޑަށް ނުކުތް އެކްޓަރު ބުންޏެވެ.

އަމިތު ބުނިގޮތުގައި އޭނާ ކަހަލަ މީހަކަށް ބޮލީވުޑުން ފުރުސަތު ލިބުމާއި ކުރިއަށްދާން މަގުތައް ހުޅުވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު އަޒުމް ދޫކޮށްނުލައި ހިތްވަރާ އެކު ކުރި މަސައްކަތުން އާދެވިފައި ހުރި ހިސާބާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ބުންޏެވެ.

"އަހަރެން އެންމެ އުފާވަނީ ބެލުންތެރިން އަހަރެން ބަލައިގެންފައިވާތީ. ވަރަށް ގިނަ ބަޔަކު އަހަރެން ސިފަކުރޭ ބޮލީވުޑްގެ ޑާކް ހޯސްއެއް ނުވަތަ އަންޑަޑޮގެއްގެ ގޮތުގައި،" އަމިތު ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ހުރިހާ ވެސް އެއްޗަކީ މީހާގެ ހުނަރާއި ގާބިލިއްޔަތުކަން. އެކަން ދެއްކިއްޖެ ނަމަ ކުރިއަށް ދެވޭނެ."

އަމިތު ފާހަގަކުރި ގޮތުގައި ބެލުންތެރިންނާއި ކްރިޓިކުން އޭނާ ކުޅޭ ރޯލްތަކަށް ތައުރީފުކޮށް ވާހަކަ ދެއްކުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި އެއް އިރެއްގައި ވެސް މާ ވަރުގަދަ ސްޓާރަކަށްވާން އުންމީދުނުކުރާ ކަމަށް ބުންޏެވެ.

"ސްޓާރަކަށްވުމެއް ނޫން މުހިއްމީ. ކެރެކްޓާތަކަށް ވީހާ ވެސް ރަނގަޅަށް އިންސާފުކޮށް ދެވުމަކީ އެންމެ ބޮޑު ކުރިއެރުން،" އޭނާ ބުންޏެވެ. "އަބަދު ވެސް އަހަރެން ގަބޫލުކުރަން ފިލްމެއްގެ އެންމެ މުހިއްމު އެއްޗަކީ އޭގެ ކޮންޓެންޓްކަން. އެ ވަރުގަދަވެއްޖެ ނަމަ ކޮންމެ ބަޔަކު އުޅުނަސް އެ ފިލްމެއް ހިނގާނެ."

"ކައި ޕޯ ޗޭ" އާއި "ގުއްޑޫ ރަންގީލާ" އާއި "އަކީރާ" އަދި "ރަނިން ޝާދީ" ފަދަ ފިލްމުތަކުގެ ކުރިން ބައެއް ޓީވީ ސިލްސިލާތައް ވެސް ކުޅުނު އަމިތު ވަނީ ބައެއް ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ޒީ5 ގެ "ބެރޮޓް ހައުސް" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ "ބްރީތު" ފާހަގަކޮށްލެވެ އެވެ.

އަމިތު އެންމެ ފުރަތަމަ ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2002-2004 އަށް ގެނެސްދިން "ކިޔު ހޯތާ ހޭ ޕިޔާރު؟" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތައިޝް" ހިމެނެ އެވެ.