ދިރާގުން އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ މި އަހަރުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެ ކުންފުނީގެ ސީއެސްއާރު އިނިޝިއޭޝަންގެ ދަށުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ، ފުލްޓައިމް ވަޒީފާއެއް އަދާ ނުކުރާ މީހުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިިބިގެން ދާނެ އެވެ. އެގޮތުން ކޯޕްރޭޓް ހިދުމަތްތަކާއި، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަނާއި، މާކެޓިން ކޮމިޔުނިކޭޝަންސް އެންޑް ޕީއާރު ފަދަ ދާއިރާތަކުގެ ޓްރެއިނިން ދޭނެ އެވެ.

މި ޕްރޮގުރާމްގައި ބައިވާރިވާން ބޭނުން ފަރާތްތަކަށް މި މަހުގެ ނުވަ ވަނަ ދުވަހު ދިރާގު ހެޑް އޮފީހުގައި ހަވީރު 2:00 އިން ހަވީރު 4:00 އަށް ވޯކް އިން އިންޓަވިއުއެއް ކުރިއަށް ދާނެ އެވެ. މި އިންޓަވިއު އަށް ސީވީ އާއި ތައުލީމީ ލިޔެކިޔުންތަކާ އެކު އައުމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރު ދިރާގުން ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މި ކުންފުނިން ވަނީ 228 މީހަކު ތަމްރީނުކޮށްފަ އެވެ. އަދި ދިރާގުގެ އެކި މަގާމުތަކުގައި ވެސް މި ޕްރޮގްރާމުގައި މީގެ ކުރިން ބައިވެރިވި ބައެއް ފަރާތްތައް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.