ބިލެއްފަހި ސްކޫލް ލައިބްރަރީ ގައި ދަރިވަރުންތަކެއް ފޮތް ކިޔަނީ ---ފޮޓޯ: ބީއެމްއެލް
19 ޖޫން 2022 - 16:14
ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކޮށްފި އެވެ.
މި މަޝްރޫއުގެ ދަށުން 700 އެއްހާ ފޮތާއި، ބައެއް ފަރުނީޗަރު އެ ސްކޫލުގެ ލައިބްރަރީއަށް އިތުރު ކޮށްފައިވެ އެވެ.
މަޝްރޫއު ހިންގީ ބިލެތްފަހި ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފެވެ.
ބިލެއްފަހި ސްކޫލްގެ ލައިބްރަރީގައި އެ ސްކޫލްގެ ކުދިން ފޮތް ހޯދަނީ ---ފޮޓޯ: ބީއެމްއެލް
"ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި، ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް، ލައިބްރަރީގައި ކުދިންނަށް ފޮތް ކިޔަން ތިބެން ފަސޭހަވުމުން އެ ސްކޫލުން ކުރިއަށް ގެންދާ ރީޑިން ޕްރޮގްރާމްތަކަށް ވެސް ފުރިހަމަކަން ލިބެ އެވެ.
ބިލެތްފަހި ސްކޫލްގެ ލައިބްރަރީގައި ދެ ދަރިވަރަކު ފޮތެއް ކިޔަނީ ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމީ އަދި ކުޅިވަރުގެ ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ގިނަ ޕްރޮޕޯސަލްތަކަށް ހަރަދުކުރާ ފަންޑެކެވެ.
އެ ފަންޑުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮމިއުނިޓީ ޕާކު، މަސްކަނޑާ ތަން، ކުޑަކުދިންގެ ޕާކު، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން އަދި ބިއްލޫރި ފުޅި ހަދިޔާކުރުން ފަދަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy