ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާން ރަޖިސްޓްރީވެއްޖެ އެވެ.

އެފްއެޗްއޭއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވެންޓުގެ މެނޭޖިން ޑިރެކްޓަރު އިމްރާން ހަސަން ވިދާޅުވީ އެގްޒިބިޓަރުންގެ ގޮތުގައި ސައުދީ، މެލޭޝިއާ، ޕާކިސްތާން، އިންޑޮނޭޝިއާ އަދި އިންޑިއާ ފަދަ ގައުމުތަކުން ބައިވެރިވާނެ ކަމަށެވެ. މި ފަހަރުގެ އެކްސްޕޯގައި 10،000އަށް ވުރެ ގިނަ ޕްރޮޑަކްޓްތައް ޝޯކޭސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި މި އަހަރު ބާއްވާ އެފްއެޗްއޭއެމްގައި 4000އަށް ވުރެ ގިނަ މީހުން އެކްސްޕޯއަށް ޒިޔާރަތް ކުރާނެ އެވެ.

އިމްރާން ވިދާޅުވީ މި ފަހަރުގެ އެކްސްޕޯގައި 100އަށް ވުރެ ގިނަ ރިސޯޓުން 1500އަށް ވުރެ ގިނަ ރެޖިސްޓާޑް ބަޔާސް އެ އެކްސްޕޯއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އެހެން ކަމަން، އެ އެކްސްޕޯ އަކީ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އެކްސްޕޯއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެކްސްޕޯގައި މި އަހަރު ވެސް ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނެނީ ކަލިނަރީ ޗެލެންޖާއި މޮކްޓެއިލް ޗެލެންޖާއި ބަރިސްތާ ޗެލެންޖުގެ އިތުރުން ހައުސްކީޕިން ޗެލެންޖެވެ. މި ޗެލެންޖުތަކުގެ ތެރެއިން އެންމެ ބޮޑު ޗެލެންޖަކީ ކަލިނަރީ ޗެލެންޖެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މި ޗެލެންޖުގައި 500އަށް ވުރެ ގިނަ ޝެފުން ވާދަކުރުމަށް މިހާރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

އެފްއެޗްއޭއެމް އެކްސްޕޯއަކީ ވޯލްޑް އެސޯސިއޭޝަން އިން ޝެފްސް ސޮސައިޓީސް އާއި ޝެފްސް ގިލްޑް މޯލްޑިވްސް އާއި ޝެފްސް ގިލްޑް އޮފް ލަންކާ އާއި ވޯލްޑް ޕްލެޓްފޯމް އޮފް އިސްލާމިކް ކަންޓްރީޒް ކަލިނަރީ ސޮސައިޓީ އާއި މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އަދި މޯލްޑިވްސް ހައުސްކީޕާސް އެސޯސިއޭޝަންއިން އެންޑޯސް ކޮށްފައިވާ އިވެންޓެކެވެ.

އެ އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. މިއީ އެކްސްޕޯ ބާއްވަނީ ދިވެހި އެކްސްޕޯއިން އިން ލަންކާގެ ސީޑީސީ އިވެންޓްސް އާ ގުޅިގެންނެވެ.