މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގައި ބާއްވާ ކަލިނަރީ ޗެލެންޖަށް ބޮޑެތި އިނާމުތަކެއް ހުށަހަޅައިފި އެވެ.
އެފްއެޗްއޭއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިވެންޓުގެ އެމްޑީ އިމްރާން ހަސަން ވިދާޅުވީ ކަލިނަރީ ޗެލެންޖަކީ މި މަހުގެ 28 އިން 30 އަށް ބާއްވާ އެގްޒިބިޝަނުގައި އެންމެ ގިނަ ވާދަވެރިން ބައިވެރިވާ މުބާރާތް ކަމަށެވެ. އަދި މި ފަހަރު އެ މުބާރާތުގައި "ބެސްޓް ކަލިނަރީ އެސްޓެބްލިޝްމެންޓު" ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުބާރާތުގައި ބެސްޓު އެސްޓެބްލިޝްމެންޓު ކެޓަގަރީގައި 11 ރިސޯޓަކުން ވާދަކުރަން ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ކަލިނަރީ ޗެލެންޖުގައި ފައިސާގެ އިނާމާއި ޓްރެއިނިން ޕްރޮގްރާމްތައް ކާމިޔާބު ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ އެވެ. އެގޮތުން އެ ޗެލެންޖުގެ މެއިން ސްޕޮންސާ ނެސްލޭ އިންޓަނޭޝަނަލް އިން އެންމެ މޮޅު ޝެފުގެ މަގާމު ކާމިޔާބު ކުރާ ޝެފަށް 1000 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
އެންމެ މޮޅު ޕޭސްޓްރީ ޝެފުގެ ޓައިޓަލް ކާމިޔާބުކުރާ ޝެފަށް އިވެންޓުގެ ޕްރިންސިޕަލް ސްޕޮންސާ ލިލީ އިންޓަނޭޝަނަލްއިން ވަނީ ބޭރުގެ ޓްރެނިން ޕްރޮގުރާމުގެ ހަރަދުތައް ހުށަހަޅައިފަ އެވެ.
އެ ޗެލެންޖާ ގުޅޭ ގޮތުން ޝެފް ގިލްޑްސް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ އެ ޗެލެންޖަކީ ފަންނުވެރި ގިނަ ދިވެހިންތަކަކަށް ފުރުސަތު ލިބިގެންދާނެ ޗެލެންޖެއް ކަމަށެވެ. އަދި މި ފަހަރުގެ ޗެލެންޖުގެ ޖަޖިން ޕެނަލުގައި އިންޓަނޭޝަނަލް އެތައް ޖަޖުންނާ އެކު ދިވެހި ގިނަ ޝެފުންތަކަކަށް ޖަޖު ކުރަން ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޗެލެންޖުގެ ސަބަބުން ދިވެހި ގިނަ ޝެފުންތަކަކަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ.
އެފްއެޗްއޭއެމްގެ ކަލިނަރީ ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން މި ދިޔަ މަހު ބޭއްވި ވޯކްޝޮޕްގައި 29 ރިސޯޓަކުން 75 ޝެފުން ވަނީ ބައިވެރިވެފަ އެވެ. މި ފަހަރުގެ ކަލިނަރީ ޗެލެންޖުގައި 54 ރިސޯޓަކުން 500އަށް ވުރެ ގިނަ ޝެފުން ވާދަކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އެފްއެޗްއޭއެމްގެ ޗެލެންޖުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައި އޮތް އިރު، ކަލިނަރީ ޗެލެންޖުގެ އިތުރުން މޮކްޓެއިލް ޗެލެންޖަކާއި ބަރިސްތާ ޗެލެންޖެއް އަދި ހައުސްކީޕިން ޗެލެންޖެއް އޮންނާނެ ކަމަށް އެފްއެޗްއޭއެމްއިން ބުނެ އެވެ. އޭގެ ކޮންމެ ޗެލެންޖަކީ ވެސް ރާއްޖޭގެ ރިސޯޓުތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއްގެ ގޮތުގައި އެފްއެޗްއޭއެމްއިން ދެކެ އެވެ.