މިއީ އުރީދޫއިން ޓީޓީއެމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރާ 5 ވަނަ އަހަރު.
10 އޯގަސްޓް 2022 - 13:07
ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޝޯ "ޓީޓީއެމް މޯލްޑިވްސް 2022" ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކާ ގުޅުވައިދޭ ޓީޓީއެމް މޯލްޑިވްސްގެ އެ ހަރަކާތް އިންތިޒާމުކުރާ އޯކާ މީޑިއާ ގްރޫޕުން ބުނީ، އެ ހަރަކާތުގެ ބައިވެރިން "އެކްސްކްލޫސިވް" ކޮށް ޓީޓީއެމް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރާ އެގްޒިބިޓަރުންނަށް "ކަނެކްޓް" ސޮފްޓުވެއާ މެދުވެރިކޮށް، ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ވިޔަފާރީގެ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އޯކާ އިން ބުނިގޮތުގައި، 500 އެއްހާ ޓްރެވެލް ޓްރޭޑް ޕްރޮފެޝަނަލުންގެ މެދުގައި 3،000 އަށް ވުރެ ގިނަ ޕްރީ ޝެޑިއުލްޑް މީޓިން ކޮންމެ އަހަރަކު ވސް ބުކް ކުރެވެ އެވެ. އަދި އެ ބައްދަލުވުމުގައި ބިލިންއަނެއްހާ ޑޮލަރުގެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާކުރާ ކަމަށް ވެސް އޯކާ އިން ބުނެ އެވެ.
މި ފަހަރުގެ ޓީޓީއެމް "ކަނެކްޓް" ބައްދަލުވުންތައް އޮންނާނީ މި މަހުގެ 23 އިން 24 އަށް މީރުމާ ހޮޓެލްގެ ކޮންފަރެންސް ރޫމުގަ އެވެ. ޓީޓީއެމްގެ ސަމިޓާއި އެވޯޑު އަދި ގާލާ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައި ކްރޮސްރޯޑުގަ އެވެ. މި ފަހަރުގެ ހަރަކަތުގައި 200 އަށް ވުރެ ގިނަ ހޮޓެލިއާސް އާއި ސަޕްލަޔަރުންނާއި ދާއިރާއާ ގުޅުން ހުރި ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށް އޯކާ އިން ބުނެ އެވެ.
މިއީ އުރީދޫން އެ ޓްރޭޑް ޝޯގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮޮތުގައި ސޮއިކުރާ ފަސް ވަނަ އަހަރެވެ. އުރީދު އަކީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އެ ފަދަ ގިނަ ހަރަކާތްތަކުގައިި ބައިވެރިވާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy