ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ 2 ގައި ތަރައްގީކުރި "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި 32 ފްލެޓަށް ޝަރުތު ހަމަވި 310 މުވައްޒަފުން ތެރެއިން ފްލެޓް ލިބޭ މީހުން ގުރުއަތުން ރޭ ހޮވައިފި އެވެ.
ފްލެޓަށް ޝަރުތު ހަމަވާ 310 މުވައްޒަފުންގެ މެދުގައި ގުރުއަތު ލުން ބޭއްވީ ރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، މިހާތަނަށް ނުވިކި ހުރީ ތިން ކޮޓަރީގެ 16 ފްލެޓާއި، އެއް ކޮޓަރީގެ 16 ޔުނިޓެވެ. އަދި ކުރިން އެއް ކޮޓަރީގެ ފްލެޓެއް ލިބުނު މުވައްޒަފަކު އެ ތަން ދޫކޮށްލުމުން އެއް ކޮޓަރީގެ 17 ފްލެޓަށް ގުރުއަތު ލި އެވެ.
ފްލެޓަށް ކުރިމަތިލި މުވައްޒަފުންގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތަކަށް 75 މުވައްޒަފުން ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވަނީ 235 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ދެ ކެޓަގަރީ އަށް ވެސް ގުރުއަތު ލައިފައި ވަނީ ވަކިންނެވެ. ފްލެޓަށް ހޮވުނު މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ލިބޭ ފްލެޓް ވެސް ނަގާފައި ވަނީ ގުރުއަތުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ދެ ކެޓަގަރީން ވެސް ފްލެޓް ލިބުނު ފަރާތްތައް ރޭ ހޮވާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން 15 މުވައްޒަފުންގެ ވެއިޓިން ލިސްޓެއް ވެސް ވަނީ ނަގައިފަ އެވެ. ސްޓެލްކޯއިން ބުނީ ފްލެޓް ލިބުނު މުވައްޒަފަކު އެއްވެސް ސަަބަބަކާ ހުރެ ފްލެޓް ދޫކޮށްލައިފި ނަމަ، ވެއިޓް ލިސްޓަށް ހޮވުނު ތަރުތީބުން ފްލެޓް ދޭނެ ކަމަށެެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، އެއީ އެއްބަޔަކަށް އުފާވެރި ރެއެއް ކަމަށާއި، އަނެއް ބަޔަކު އުފާ ނުވިޔަސް، ހިތްހަމަޖެހުން ލިބޭނެ ރެއެއް ކަމަށެވެ.
އެ ހިތްހަމަޖެހުން ލިބެނީ އެއްވެސް އޮޅުވާލުމެއް ނެތި، ދެފުށް ފެންނަގޮތަށް އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯގެ "ބްލޫ ރިޖް" ދެ ޓަވަރުގައި ހިމެނެނީ ޖުމްލަ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 ފްލެޓާއި ތިން ކޮޓަރީގެ 288 ފްލެޓެވެ. ކުރިން ސްޓެލްކޯގެ ފްލެޓް ލިބުނު މުވައްޒަފުންނަށް މިދިޔަ މަހު ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. ބައެއް އެޕާޓްމަންޓްތަކުގައި މިހާރު ވަނީ މީހުން ވެސް އުޅެން ފަށައިފަ އެވެ.