ވޯލްކަޕުގައި ރާއްޖޭގެ ފުޓުބޯޅަ ފޯރި އިތުރު ކުރުމަށް އުރީދޫން ރާވާފައިވާ ގިނަ ހަރަކާތްތަކެއް އިއުލާނުކޮށްފި އެވެ.
އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވި ގޮތުގައި މި ފަހަރުގެ ވޯލްޑްކަޕް ފަސޭހައިން ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ވޯލްޑްކަޕްގެ ބްރޮޑްކާސްޓިން ރައިޓްސް ގަނެފައިވާ މީޑިއާނެޓާ އެކު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީޑިއާނެޓުގެ ސްޓްރީމިން ޕްލެޓްފޯމު، އެމްއެސްޓީވީ މެދުވެރިކޮށް ވޯލްޑްކަޕް ބެލުމަށް ހާއްސަ އޮފާއެއް ވަނީ ތައާރަފުކޮށްފަ އެވެ.
އެ އޮފާގެ ދަށުން 250ރ. އަށް އެއް މަސް ދުވަހަށް 100 ޖީބީ ޑޭޓާއާ އެކު އެއް މަސް ދުވަހުގެ އެމްއެސްޓީވީގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ. އަދި ރާއްޖެއިން ގަތަރަށް މެޗު ބަލަން ދާ ކަސްޓަމަރުންނަށް ހާއްސަކޮށް، 1000ރ. އަށް އެއް ޓީބީގެ ރޯމިން ޑޭޓާ ލިބޭނެ އެވެ.
"އަލަށް ރާއްޖެއާ މިހާ ކައިރީގައި ވޯލްޑްކަޕް މި ބާއްވަނީ. އެހެންވީމަ، ވަރަށް ގިނަ ދިވެހިން ވެސް މެޗު ބަލަން ދާނެ. އަޅުގަނޑުމެން ބޭނުން ވަނީ ކަސްޓަމަރުންގެ އެ ތަޖުރިބާ ފަސޭހައިން އަޅުގަނޑުމެންނާ ހިއްސާ ކުރެވޭނެ އިންތިޒާމުތައް އޮތުން،" ނިޔާޒު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ، އަގުހުރި އިނާމުތަކަކާ އެކު ކަސްޓަމަރުންނަށް ސްކޯ ޕްރިޑިކްޓު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ގޯލާ"އެޕާއި އެކު ޕާޓްނާޝިޕު ހަދާފައިވާ ކަމަށެވެ. އަދި އެ އެޕު މެދުވެރިކޮށް ސްކޯ ޕްރެޑިކްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޓޮޕް ސެވަން އަށް ދާ ފަރާތްތަކަށް، އައިފޯން 14 އާއި ސީ ގިއާގެ އަހުގުހުރި އިނާމުތަކަކާއި ރިސޯޓު ދަތުރެއް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވޯލްޑްކަޕްއާ ދިމާކޮށް ނެރޭ ޕީއެސް 5 ގެ ފީފާ 2023ގެ އުރީދޫ ނޭޝަންގެ ޓޯނަމެންޓު ވެސް ނިޔާޒު ވަނީ އިއުލާނުކޮށްދެއްވައިފަ އެވެ. ނިޔާޒު ވިދާޅުވީ، އެ ޓޯނަމެންޓުތަކަކީ ވޯލްޑްކަޕަށް އުރީދޫން ތައްޔާރު ކުރާ ފޭން ޒޯންތަކުގެ ތެރެއިން ރާއްޖޭގެ 4 ސިޓީގައި ކުރިއަށް ދާނެ ޓޯނަމެންޓެއް ކަމަށެވެ. އަދި އެ ޓޯނަމެންޓަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ޕީއެސް 5 އާއި ޓީވީ އެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވަނީ ވޯލްޑްކަޕަށް އުރީދޫން ތައްޔާރު ކޮށްފައިވާ ވޯލްޑްކަޕް ލަވައިގެ ދިވެހި ވާޝަން ނެރެފަ އެވެ. އަދި ވޯލްޑްކަޕުގެ ފޯރިގަދަ ކުރުމުގެ ގޮތުން ފޭން ޒޯންތަކެއް ހަދައި، ފޯރިގަދަ ހަރަކާތްތަކެއް އެ ތަންތަނުގައި ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މީޑިއާނެޓުގެ ހެޑް އޮފް ވޯލްޑްކަޕް މެނޭޖަރު، ޒިހުނީ ރަޝީދު ވަނީ އުރީދޫން ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވައިފަ އެވެ. އަދި މީޑިއާނެޓުން ވޯލްޑްކަޕުގެ ޒަމާންވީ ފޯރި ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށާއި، އާއިލާ އާއި އަވަށްޓެރިންނާ އެކު، ބޮޑު ސްކްރީނުގައި ވެސް މެޗުތައް ބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފީފާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފައިސާ ނަގައިގެން އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫން ބުނީ ވޯލްޑްކަޕަށް ރާވާފައި ހުރި އިތުރު ހަރަކާތްތައް ވެސް އިއުލާނު ކުރަމުން ގެންދާނެ ކަމަށެވެ. މި ފަހަރު ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. އަދި މީޑިއާނެޓާ އެކު ވޯލްޑްކަޕުގެ ޕާޓްނަރަކަށް ސޮއިކޮށްފައި ވަނީ އުރީދޫންނެވެ.