އައިއެމްޓީއެމް އިން މި ހަފްތާގައި ކުރިއަށް ގެންދިޔަ އެސްޓީއެފް ފޯރަމްގައި މަޝްވަރާކުރި ކަންކަމުގެ މައްޗަށް ޕޮލިސީ ޕޭޕަރެއް ތައްޔާރުކޮށް އަންނަ އަހަރުގެ ކުރީކޮޅު ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައިއެމްޓީއެމުން ބުނެފި އެވެ.

އައިއެމްޓީއެމުން ބުނީ އެ ކުންފުނިން ބޭއްވި ތިން ވަނަ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް (އެސްޓީއެފް)ގައި ސަސްޓެއިނިބިލިޓީ އަކީ ކޮބައިކަމާ، ރާއްޖޭގައި ސަސްޓެއިނަބަލްކޮށް ޓޫރިޒަމް ހިންގޭނެ ގޮތްތަކާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފޯރަމުގެ އެކި ބައިވެރިން ސަސްޓެއިނަބިލިޓީ ޓޫރިޒަމާ ގުޅޭ އެކި ހޯދުންތައް ހިއްސާކޮށްފައިވާ ކަމަށާއި ރާއްޖޭގައި އެކަން އެންމެ އަކަށޭނަ ގޮތަށް ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެ ފޯޜަމުން ދެނެގަނެވުނު ކަންކަމުގެ މައްޗަށް ބަލައި، ރާއްޖޭގައި ސަސްޓެއިނަބްލް ޓޫރިޒަމާ ގުޅޭ ޕޮލިސީ ޕޭޕަރެއް އެކުލަވާލުމުގެ މަސައްކަތް ފޯރަމުގެ މޮޑަރޭޓަރުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފޯރަމުގެ ބައިވެރިންގެ ގްރޫޕެއް ޕްރެޒެންޓޭޝަން ހުށަހަޅަނީ. ބައިވެރިންގެ ޕްރެޒެންޓޭޝަންތަކުގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި. -- ފޮޓޯ: އައިއެމްޓީއެމް
ފޯރަމުގެ ބައިވެރިންގެ ގްރޫޕެއް ޕްރެޒެންޓޭޝަން ހުށަހަޅަނީ. ބައިވެރިންގެ ޕްރެޒެންޓޭޝަންތަކުގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި. -- ފޮޓޯ: އައިއެމްޓީއެމް

އައިއެމްޓީއެމުން ބުނި ގޮތުގައި މޫސުމީ ބަދަލުތަކާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެއް ގައުމަށް ރާއްޖެ ވީއިރު، ރާއްޖޭގެ ސިނާއަތްތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ހިޔާރު ކުރަންޖެހެ އެވެ. އަދި އެ ކަންތައްތައް ކުރުމުގައި ސަރުކާރުގެ ދައުރު އިތުރުކޮށް، ޓޫރިޒަމް ސަސްޓެއިނަބަލްކޮށް ހިންގުމަށް ސަރުކާރުން ވެސް މުހިންމު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ. އައިއެމްޓީއެމުން ބުނީ ރާއްޖެ ޓޫރިޒަމް ސަސްޓެއިނިބިލިޓީގައި ކުރި ހޯދައިފި ނަމަ، އެ ކަމަކީ ވެސް ޓޫރިޒަމް ޕްރޮމޯޓުކޮށް، އިތުރު މާކެޓެއް ހޯދުމަށް ލިބޭ ބާރަކަށް ވާނެ ކަމަށެވެ.

އެސްޓީއެފްގެ ބައިވެރިން: ކާމިޔާބުކަމާ އެކު އެ ފޯރަމް ނިންމާލާފައި ވަނީ އާދިއްތަ ދުވަހު. -- ފޮޓޯ: އައިއެމްޓީއެމް
އެސްޓީއެފްގެ ބައިވެރިން: ކާމިޔާބުކަމާ އެކު އެ ފޯރަމް ނިންމާލާފައި ވަނީ އާދިއްތަ ދުވަހު. -- ފޮޓޯ: އައިއެމްޓީއެމް

އައިއެމްޓީއެމުން ސަރުކާރަށް ހުށަހަޅާ ޕޮލިސީ ޕޭޕަރުގައި، ސަސްޓެއިނިބިލިޓީ ނެތުމުން ޓޫރިޒަމްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، އެ ކަމުގެ ސަބަބުން ހުރި ބައެއް ގޮންޖެހުންތަކާއި ސަސްޓެއިނަބަލް ގައުމަކަށް ވެއްޖެ ނަމަ، ޓޫރިޒަމް ޕްރޮމޯޓު ކުރެވޭނެ ބައެއް ގޮތްތައް ވެސް ހިމަނާފައިވެ އެވެ.

މި އަހަރުގެ އެސްޓީއެފް ފޯރަމް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ. އެ ފޯރަމުގައި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާއި، ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، ޓޫރިޒަމްއާ ގުޅޭ ޕްރޮގުރާމުތައް ކިޔަވާ ކޮލެޖު ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.