ދައުލަތް ތިޔާގި، މުސާރަ ލަސްވީ ނިޒާމަށް ބަދަލު ގެނައުމުން: ސަރުކާރު

މުވައްޒަފުންގެ މުސާރަ ދޭނެ ފައިސާ އެބަހުރި ކަމަށާއި މިދިޔަ މަހުގެ މުސާރަ ލަސްވީ މުސާރަ ދޭން ގެންގުޅޭ ނިޒާމު އޮޓޮމޭޓެޑް ސިސްޓަމަކަށް ބަދަލުކުރުމުން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


މަސް ނިމުނުއިރު ވެސް ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތީ އެ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމަކު، އިއްޔެ އާއި މިއަދު ވަނީ ހުރިހާ ތަނެއްގެ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާކޮށް ދީފަ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މުސާރަ ލަސްވީ ފައިސާ ނެތިގެން ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެކެވެ. ދައުލަތް "ތިޔާގި"އިރު، ސަރުކާރުގެ އާއްމު އެކައުންޓުގައި އެކަށީގެންވާ މިންވަރަކަށް ފައިސާ އެބަހުރި ކަމަށާއި ރާއްޖޭގެ މުޅި އިގްތިސާދުން ވެސް ފެންނަނީ ވަރަށް ރަނގަޅު ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް މީޑިއާގައި ވެސް ފެނިގެން އެ ދިޔައީ، މީރާ އަށް، އިންޑިޕެންޑެންޓް ތަނެއް އެއީ، މި ފަހަރު ރެކޯޑް އަދަދަކަށް ލިބިގެން އެ ދިޔައީ އެ ބޭފުޅުންނަށް އާމްދަނީ، 2.2 ބިލިއަން،" ފިނޭންސް މިނިސްޓްރީގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި މުނައްވަރު ވިދާޅުވި އެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު ވަނީ 2.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ ޓެކްސްގެ ނިޒާމު ތައާރަފް ކުރި ފަހުން އެންމެ ގިނަ އަދަދެއްގެ ޓެކްސް ފައިސާ ބަލައިގަތް މަހެވެ. އޭގެ ސަބަބަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޮރިޓީ (މީރާ) އިން ބުނެފައިވާ ގޮތުގައި، ގިނަ ޓެކްސްތަކެއްގެ ސުންގަޑި މިދިޔަ މަހު ހަމަވެފައިވާތީ އެވެ.

ކުރީގެ އުސޫލު:

- މުސާރަ ޝީޓް އޮފީސްތަކުން ފުރަތަމަ ފޮނުވަނީ ފިނޭންސަށް

- ކޮންމެ އޮފީހަކުން ވެސް ޗެކެއް ހިފައިގެން ފިނޭންސަށް މީހަކު ދާން ޖެހޭ

- އެ ޗެކު ފިނޭންސަށް ބަލައިގަތުމަށް ފަހު ފޮނުވަނީ އެމްއެމްއޭ އަށް

- ޗެކު ލިބުމުން، މުސާރަ ޖަމާކުރަން އެމްއެމްއޭ އިން ބޭންކުތަކަށް ފޮނުވާނެ

މިދިޔަ މަހުގެ މުސާރަ ލަސްވީ، މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި، ޗެކުން މުސާރަ ދިނުމުގެ އުސޫލު އުވާލައި އޮޓޮމޭޓެޑް ސިސްޓަމެއް މެދުވެރިކޮށް އެކަން ކުރަން ފެށީމަ އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ވަރަށް މޮޑަނައިޒްޑް، ވަރަށް ޒަމާނީ ފިނޭންސް މިނިސްޓްރީއެއް ގާއިމްކުރުމަށް. އެެހެންވީމަ، އަޅުގަނޑުމެން މި ނިންމީ މި ގޮތަށް ހުރި އަޅުގަނޑުމެންނަށް އޮޓޮމޭޓް ކުރެވޭނެ ކަންތައްތައް ކޮބައިތޯ، އެންމެ އަވަހަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާފައި އެކަހަލަ ކަންތައްތައް އަޅުގަނޑުމެން މި ނިންމީ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު: ދައުލަތުގައި ފައިސާ އެބަހުރި ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން އޮންނަ ގޮތުން ދައުލަތުގެ ކޮންމެ އޮފީހަކުން ވެސް އެ މަހެއްގެ މުސާރަ ޝީޓް ހެދުމަށް ފަހު ފިނޭންސަށް ފޮނުވާނެ އެވެ. އަދި އެ އޮފީހެއްގެ ޗެކެއް ހިފައިގެން މީހަކު ފިނޭންސަށް ފޮނުވުމުން، ފިނޭންސުން އެ ޗެކު ބަލައިގަތުމަށް ފަހު ފޮނުވަނީ މަރުކަޒީ ބޭންކަށެވެ. މުވައްޒަފުންގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރަން، އެ މީހެއްގެ އެކައުންޓް އޮންނަ ބޭންކަކަށް ޗެކު ފޮނުވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.

އެކަމަކު، އާ އުސޫލުގެ ދަށުން، އޮފީސްތަކުން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ކަނޑައަޅާފައިވާ ތާރީހެއްގެ ކުރިން އެ އޮފީހުގެ މުސާރަ ޝީޓް އީމެއިލް ނުވަތަ މިހާރު ގާއިމްކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ފިނޭންސަށް ފޮނުވުމެވެ. ޗެކުގެ ބަދަލުގައި، ބޭންކުތައް މެދުވެރިކޮށް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރަނީ، އާ ސިސްޓަމް މެދުވެރިކޮށް ފިނޭންސުންނެވެ.

އާ އުސޫލު:

- މުސާރަ ޝީޓް އޮފީސްތަކުން ފުރަތަމަ ފޮނުވަނީ ފިނޭންސަށް

- ޗެކު ހިފައިގެން ފިނޭންސަށް ދާކަށް ނުޖެހޭ

- މުސާރަ ހެދުމަށް ފަހު ފިނޭންސުން ބޭންކުތަކަށް ފޮނުވާނެ

- ބޭންކުތަކުން ކޮންމެ މުވައްޒަފެއްގެ އެކައުންޓަށް މުސާރަ ޓްރާންސްފަ ކުރާނެ

އެ ސިސްޓަމް މެދުވެރިކޮށް ފުރަތަމަ ފަހަރަށް މިދިޔަ މަހުގެ މުސާރަ ދިންއިރު ލަސްތަކެއް ކުރިމަތިވީ، ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް ހަލީމް އަބްދުލް ގަފޫރު ވިދާޅުވި ގޮތުގައި، ދިމާވި ފަންނީ މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި އަލަށް ކަމެއް ކުރާއިރު ދިމާވާ މައްސަލަތަކާއި އުނދަގޫތައް ވެސް މި ފަހަރު ކުރިމަތިވި ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"އެކަމަކު، އަޅުގަނޑުމެންނަށް މި ކަންކަން ހައްލުކުރެވި، ފެބްރުއަރީ މަހުގެ ތެރޭގައި އިތުރަށް ހަލުވިވެގެން އަޅުގަނޑުމެންގެ ސިސްޓަމް ހަރުދަނާ ވެގެން އަންނާނެ،" ހަލީމް ވިދާޅުވި އެވެ.

ފައިނޭންޝަލް ކޮންޓްރޯލަރު ފާތުމަތު ރަޒީނާ ވިދާޅުވީ އެ ދަތިތަކާ އެކު ވެސް މި ސިސްޓަމް ގާއިމްކުރެވުމުން މުސާރައިގެ މަސައްކަތަށް ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑު ތަން ސަލާމަތް ކުރެވޭ ކަމަށެވެ. އެ ގޮތުން، އޮފީސްތަކުން މީހުން ފިނޭންސަށް ދާން ނުޖެހުމާއި ކިއޫގައި ޖެހެން ނުޖެހުމުގެ އިތުރަށް، ކުރިން ހޭދަ ކުރަން ޖެހޭ ހަފުތާއެއްހާ ދުވަހުގެ ބަދަލުގައި މިހާރު ދެތިން ދުވަހުން މުސާރަ ޖަމާކުރުމުގެ މަސައްކަތް ނިންމާލެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އާ ބަދަލަށް ހޭނެން ދުވަސްކޮޅެއް ނެގިޔަސް، މިނިސްޓަރު މުނައްވަރު ވަނީ އެ ކަމަށް އެއްބާރުލުން ދޭން ހުރިހާ އޮފީސްތަކުގެ ވެރިންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. އެ ގޮތުން، ކަނޑައަޅާފައިވާ ތާރީހަށް މުސާރަ ޝީޓުތައް ފިނޭންސަށް ފޮނުވަން އޭނާ އިލްތިމާސް ކުރެއްވި އެވެ.