މާޗް މަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ: އަމީރު

ސިވިލް ސާވިސް މުވައްޒަފުންގެ މިދިޔަ މާޗު މަހުގެ އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން، މިދިޔަ މަހު ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކުރީ، މުސާރަ އާއި އިތުރު ގަޑީގެ ފައިސާ ޕްރޮސެސް ކުރާ ހަފުތާއާ ދިމާކޮށެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މުސާރަ އާއި އޯޓީ ހެދުމަށް ސަރުކާރުގެ އޮފީސްތަކަށް ލިބުނީ މަދު ވަގުތު ކޮޅެކެވެ. އެހެންވެ، މުސާރަ ޝީޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީ އަށް ފޮނުވީ އިތުރު ގަޑީގެ ފައިސާ ނުހިމަނަ އެވެ.

ސަރުކާރުގެ އޮފީހެއްގެ އެޗްއާރު މުވައްޒަފަ މިއަދު ބުނީ، މާޗް މަހުގެ މުސާރައިގެ ތެރޭގައި އޯޓީ ނުހިމެނީ، އެއް ދުވަހުގެ ތެރޭ ހުރިހާ މުވައްޒަފުންގެ އޯޓީ ޕްރޮސެސް ކުރަން ދަތިވާނެތީ ކަމަށެވެ.

"އޯޓީ ހަދާ އިރު މުވައްޒަފުންނަށް އިތުރު ވަގުތަށް ހުއްދަ ދީފައިވާ ވަގުތުތަކެއްތޯ ބަލަން ޖެހޭ. އަދި ޑިޕާޓްމެންޓްތަކުގެ ސުޕަވައިޒަރުންގެ ހުއްދަ ވެސް ހޯދަންޖެހޭ. އެހެންވެ، ވަގުތު ކުޑަތަން ވެފައި އޮތުމުން މުވައްޒަފުންގެ އޯޓީ ނުލާ މުސާރަ ފޮނުވާފައިވަނީ. އެކަމަކު މިމަހު ފޮނުވާނީ މާޗް މަހުގެ އޯޓީ އާ އެކު،" އޭނާ ބުންޏެވެ.

ސިވިލް ސާވަންޓުންނަށް މުސާރަ ދިނުމުގައި އޯޓީގެ މައްސަލައެއް އުޅޭ ނަމަ، އޭގެ އަނެއް މަހު އެ ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހުރެ އެވެ. ސަރުކާރުގެ އޮފީސްތައް މި މަހު ބަންދުކޮށްފައި ވާތީ، ގިނަ ސިވިލް ސާވެންޓުންނަށް މި މަހު އޯޓީއެއް ނުލިބޭނެ އެވެ. ނަމަވެސް ރަމަޟާން މަހުގެ އިނާޔަތް ލިބޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން، މުސާރަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ހާއްސަ ސާކިއުލާއެއް ވަނީ މިދިޔަ މަހު ނެރެފަ އެވެ. އޭގައި ވާ ގޮތުން މުސާރަ ޝީޓް ތައްޔާރުކުރުމުގައި އަސާސީ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގެން ހުރުމާއި އިތުުރު ގަޑީގެ ފައިސާ އާއި އުނިކުރާ ގަޑީލާރީގެ މައުލޫމާތުތައް މާޗު މަހުގެ މުސާރައިގެ ގޮތުގައި ނުހިމެނުމަށް އަންގާފައިވެ އެވެ. އެގޮތުން މުސާރަ އަށް ގެންނަން ޖެހޭ އުނި އިތުރުތައް މިދިޔަ މަހު ގެނެސްފައިވަނީ ފިނޭންސް މިނިސްްޓްރީންނެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ދަނީ ކުރަމުންނެވެ. އެގޮތުން އިގްތިސާދު 5.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިހާތަނަށް ރާއްޖެއިން 19 މީހަކަށް މިބަލި ވަނީ ޖެހިފަ އެވެ. މި ހާލަތާ ކުރިމަތިލުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ބަޖެޓުގެ އެކި ކަންކަމަށް ކުރާ ހަރަދުތަކުން އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އުނިކުރުމަށް ވެސް ކަނޑައަޅާފައި ވެ އެވެ.

މިދިޔަ ހަފްތާގައި ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް އިތުރަށް ކުޑަ ކުރުމަށްޓަކައި ބޮޑެތި މުސާރަތައް ދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ.