ސްޕެއިންގެ ބާސެލޯނާގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫގެ ޕެވިލިއަންގައި މި ފަހަރު 5ޖީ އިންޓަނެޓާއި ސްމާޓް ސްޓޭޑިއަމް އަދި ސްމާޓް ސިޓީ ދައްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި މޮބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަހު ބާއްވާ ކޮންގްރެސްގައި، އުރީދޫން ހޯދާފައިވާ ކުރިއެރުންތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ވެސް ދައްކާލަން ނިންމާފައިވާ ކަމަށެވެ.

އުރީދޫން ބުނީ މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެންމެ ފެންވަރު ރަނގަޅު މޮބައިލް ޑޭޓާގެ ހިދުމަތް ދޭ ކުންފުންޏަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ގައުމުތަކުގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ނެޓްވޯކް ޒާމާނާ އެއްގޮތަށް ތަރައްގީކޮށް، ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި، އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ކޮންމެ 10 ތަނަކުން އަށް ތަނަކަށް 4ޖީގެ ހިދުމަތާއި ހަ ތަނަކަށް ފިކްސްޑް ލައިންގެ ހިދުމަތް އަންނަނީ ދެމުންނެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންކުރާ ނެޓްވޯކް ވަނީ ތަފާތު އެކި ހިދުމަތްތައް ތައާރަފު ކުރެވޭ ގޮތަށް ފެންވަރު މަތިކޮށްފައި ކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުއާސަލާތުގެ ހިދުމަތް ދެމުން އަންނަ އުރީދޫން ބުނީ، އެ ކުންފުނިން ތައާރަފްކުރުމަށް ނިންމާފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޖުރިބާކުރުމުގެ ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.