29 އޮކްޓޯބަރ 2024 - 16:11
ބީއެމްއެލްއަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 9.6 ޕަސެންޓު އިތުރު އަދަދެކެވެ. ބެންކުން މިއަދު އާއްމުކުރި ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން އެ ބެންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 2.9 ޕަސެންޓު އިތުރު އަދަދެކެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި ތިން ވަނަ ކުއާޓާ ނިމުނު އިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގަ އެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 54 ޕަސެންޓުގަ އެވެ. މިއީ ގަވާއިދުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ އަދަދެއްކަން އެ ބެންކުން ފާހަގަކުރެ އެވެ.
ބީއެމްއެލްއިން ވަނީ ނިމިދިޔަ ކުއާޓާގައި ލޯނު ޕޯޓްފޯލިއޯ ހަރުދަނާކަމާ އެކު ކުރިއަރަމުން އަންނަ ކަން ފާހަގަކޮށްފަ އެވެ. އެގޮތުން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އާ ލޯނު ނިމުނު ކުއާޓަރުގައި ދީފައިވާކަން ފާހަގަކުރެ އެވެ.
ބީއެމްއެލް އިން މިދިޔަ ކުއާޓަރުގައި ވަނީ މުޖުތަމައުގެ ކުރިއެރުމަށް ވެސް ބޮޑު އިންވެސްމެންޓެއް ކޮށްފަ އެވެ. އެއީ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ކުރި އިންވެސްޓްމަންޓެވެ. އޭގެ އިތުރުން މިދިޔަ ކުއާޓަރުގައި ބޭންކުން ވަނީ ބީއެމްއެލްއިން ދޭ އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައް ވެސް އިއުލާނުކޮށްފަ އެވެ.
އެ ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގީއާ ގުޅޭ ދާއިރާތަކުން ފަސް މަޝްރޫއުއަކަށް އެހީދޭނެ އެވެ. މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި އަދި އާ ގޮތްތައް ތައާރަފްކޮށް ކުރިއެރުވުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ.
ކުއާޓާ ރިޕޯޓު ނެރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މިދިޔަ ކުއާޓާގައި ލިބުނު މާލީ ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގި މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުމުގެ މުސްތަގުބަލް އާރާސްތުކުރަން ބޭންކުން ކުރާ މަސައްކަތާ މެދު ވެސް ހިތްހަމަޖެހުން ފާޅުކުރެއްވި އެވެ.
"މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސާވިސް ބޭންކިން ސެންޓަރު، 144 އޭޓީއެމް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ. އަދި އޮންލައިންކޮށް ވެސް ބެންކުގެ ހިދުމަތްތައް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފުބުއި
29 October 2024
ސާފު ފައިދާ ތިވަރު ނެރެލެވެންޏާ ކަޅުބާޒާރުން ޑޮލަރު ގަނެގެންވެސް ބޭނުންވާ ދިމަދިމާލަށް ލިބޭވަރު ކޮށްދެވެން ޖެހޭނެ.
ހަސަނު
29 October 2024
ސްޓެލްކޯއާ ފެނަކަ އާ ވެމްކޯ ފަދަ ހަރުދަނާ ކުންފުންޏަކަށް ބޭންކް ހެދުމުގެ މަސައްކަތުގެ ތެެެރެއިން މާކަ ގިނަ ދުވަހެއް ދެން ނެތްކަންނޭނގެ ބޭންކުގެ ދުވަސް ދާކަށް .
މިހާލި
29 October 2024
ތިބޭންކަކުން އާންމު ނިކަމެތި ރައްޔިތަކައްވީ ފައިދާއެއް ނެތް . މުއްސަނދިން މުއްސަނދިކޮއްދީފަ އޮތީ