އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 45 މިލިއަން ރުފިޔާ
03 ޖޫން 2025 - 14:39
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ 53 ޕަސެންޓު ދަށްވެއްޖެ އެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީއަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހޯދަނީ އެ ދާއިރާއިންނެވެ.
މިދިޔަ އަހަރު ކޮންސްޓްރަކްޝަން އާއި ޑްރެޖިން ދާއިރާއިން އެމްޓީސީސީގެ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ޑްރެޖިން ދާއިރާ އިން 2.8 ބިލިއަން ރުފިޔާ ލިބުނެވެ.
ޑްރެޖިންގެ އާމްދަނީ ދަށްވި އިރު ޓްރާންސްޕޯޓު ދާއިރާ އާއި ޓްރޭޑިން ދާއިރާއިން ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ ވެސް ވަނީ 33 ޕަސެންޓު ދަށްވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 1.1 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު އެއީ މިދިޔަ ފަސް އަހަރު ތެރޭ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.
މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެމްޓީސީސީ އަށް އެންމެ ބޮޑު ފައިދާއެއް ވަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކުންފުނީގެ އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް، ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް އެއްފަހަރާ މިހާރު ހިންގާތީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅެއް އަޅަން ދަތިވެފައިވާ ކަމަށް ވެސް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސަބަބަކީ، ޕްރޮޖެކްޓެއް ހުއްޓާލުމުން ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރަށް ބޮޑުވެދާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
04 June 2025
ވޭތުވީ ތިން ހަތަރު އަހަރަކީ އެންމެ ބޮޑު ފައިދާއެއް ކުންފުނީގެ ހިއްސާދާރުންނަށްބެހި އަހަރުތަކަށްވާއިރުވެސް ކުންފުނި ހަލާކުވީ ނިމިދިޔަ ސަރުކާރުގެ ދޯހަޅިކަމުންކަމަށް ބުނަމުންދާތީ ހަމަ ހައިރާންވެއްޖެއެވެ. މިވެރިކަމުގެ ފުރަތަމަ އަހަރުންފެށިގެން ކުންފުނީގެ ފައިދާ ދަށަށްދާން ފެށުމުގެ ސަބަބަކަށް ކުރީގެ ސަރުކާރު ވާންޖެހުނީ ކީއްވެ ބާވައެވެ. ހިންގުމުގެ ތަޖުރިބާއެއްނެތް މީހުންނާ ކުންފުނި ހިންގަން ހަވާލުކުރުން އެއީ ކުރީގެ ސަރުކާރަށް ފޫޅުކަނޑަންޖެހޭ ސަބަބެއް ބ
ޝަމްނާޒް ހަމީދު
04 June 2025
އެމްޓީސީސީ ކުރިޔަށް ދޭ މިހާރު މިދިޔަ ވެރިކަން ހެން ނޫން ދަނީކީ. ރަނގަޅަށް ދަނީ ކަންކަން. އިންޝާﷲ މިކަންކަން ހައްލުވެ ކުންފުނި ކޮޅަށް ޖަހާނެ މިވެރިކަމުގައި.
އައިމަން ތައުފީގް
04 June 2025
މިއަދު އެގިގެން މިދަނީ އިބޫގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މިގައުމުގެ ހުރިހާ ކުންފުނިތައް ހަލާކުކޮށްލި ގޮތް. ދެން ކީކޭ އިދިކޮޅުން ބުނާނީ.
ޝައުފަތް
04 June 2025
އެމްޓީސީސީ ހަލާކްކޮށްލީ އިބޫ