26 ޖޫން 2025 - 12:17
ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ "ބާނި" އިވެންޓަށް ބައިވެރިން ހޯދަން، އެ ހަރަކާތް ބާއްވާ ޓީމުން ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީ ޑައިވް މޯލްޑިވްސްއާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ރެކޯޑު އިވެންޓު "ބާނި" އަކީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ބ. އަތޮޅުން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް "ބާނި" ޓީމުން ވަނީ ބ. އަތޮޅު ރަށްތަކުގެ ކައުންސިލްތަކާއި އެކި ޖައްމިއްޔާތަކާއި އިދާރާތަކާއި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.
ފްރީ ޑައިވް މޯލްޑިވްސްގެ ރައީސް ފަހުދު ފާއިޒު ވިދާޅުވީ، އެ ބައްދަލުވުންތަކަށް ހުރިހާ ރަށަކުން ވެސް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މި ހަރަކާތަކީ ބ. އަތޮޅުގެ ރަށްތަކާ ގުޅިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ހަރަކާތަކަށް ވާއިރު، ބ. އަތޮޅުގެ އެކި ގެސްޓު ހައުސްތައް މެދުވެރިކޮށް ޓޫރިސްޓުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި މި ހަރަކާތަކީ ބ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.
ފަހުދު ވިދާޅުވީ "ބާނި" ޓީމުން މިހާރު ބ. އަތޮޅުގެ ރިސޯޓުތަކުން ބައިވެރިން ހޯދުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
"ބާނި" ވޯލްޑް ރިކޯޑު އިވެންޓަކީ އަންނަ އޮޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ބ. އަތޮޅުގައި އޮންނަ އަންގަފަރު ފިނޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މިއީ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy