އެމްއެޗްއޭ. އެކުންފުނިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ -- ފޮޓޯ: އެމްއެޗްއޭ
03 ޖުލައި 2025 - 12:35
އެމްއެޗްއޭ ޕްރައިވެޓް ލިމިޓުން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެ ކުންފުނިން ސުކޫކެއް އިޝޫކުރަން ނިންމީ ހުޅުމާލޭގައި ހިންގާ ޕްރޮމެނޭޑް ޕްރޮޖެކްޓަކަށެވެ. އެއީ ކޮމާޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެކެވެ.
ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ. އެމްއެޗްއޭ އިން އިޝޫ ކުރަނީ "ޕެރެލަލް އިސްތިސްނާ" ސުކޫކެ ކެވެ.
އެ ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އަށް ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ. އަދި އޭގެ ފައިދާ އަހަރަކު ދެ ފަހަރު ބަހާނެ އެވެ. އެ ސުކޫކުގެ މުއްދަތަކީ ފަސް އަހަރެވެ. އެ ސުކޫކު ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނައިގައި ލިސްޓުކޮށްފަ އެވެ.
އެ ކުންފުނިން 30 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ ކޮންމެ ސުކޫކު ޔުނިޓަކަށް 1،000ރ. ގެ ރޭޓުންނެވެ. ޖުމްލަ 30،000 ސުކޫކު ޔުނިޓު އިޝޫކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ މަދުވެގެން ސުކޫކަށް އިންވެސްޓްކުރެވޭ އަދަދަކީ 10،000ރ. އެވެ.
އެމްއެޗްއޭ އިން އެ ފައިސާ ބޭނުން ކުރާ ކޮމާޝަމަލް ރިއަލް އެސްޓޭޓު ޕްރޮޖެކްޓުގެ ދަށުން ރީޓެއިލް އަދި ލޮޖިސްޓިކްސް އާ ގުޅޭ ކޮމްޕްލެކްސްއެއް ވެސް ހަދާނެ ކަމަށެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯރޫމްތަކާއި ސްޓޯރޭޖު ފެސިލިޓީގެ އިތުރުން އޮފީސް ސްޕޭސް އަށް ބޭނުންވާ ޖާގަ ވެސް އެ އިމާރާތުގައި ހުންނާނެ އެވެ.
އެ ސުކޫކުގެ ޕްރިންސިޕަލް އެޑްވައިޒާ އަކީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ލީގަލް ކައުންސެލްގެ ގޮތުގައި ސީއެލްއޭ ޕާޓްނާސް ބައިވެރިވެ އެވެ. ޝަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވީ ޑރ. އައިޝަތު މުނީޒާ އެވެ.
އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ، އެ ކުންފުނީގެ ފުރަތަމަ ސުކޫކު އިއުލާނުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިސްލާމީ ފައިނޭންސިންގެ ފުރުސަތެއް ބޭނުންކޮށްގެން ކުންފުނި ފުޅާކުރުމަށް އެ ކުންފުންޏަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، އެމްއެޗްއޭގެ ސުކޫކު އިޝޫކުރުމުގައި އެކުންފުނިން އެހީތެރިކަން ފޯރުކޮށްދޭ އިރު އެކުންފުނިން ސުކޫކު ބޭނުންކޮށްގެން ހިންގާ މަޝްރޫއުއަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވާނެކަން ޔަގީންވާ ފަދަ މަޝްރޫއުއެއް ކަމަށެވެ.
ފަސްޓް ނެޝަނަލް އިން ވަނީ މެޑްޓެކް އާއި އައިކެއާ ފަދަ ކުންފުނިތަކަށް ވެސް ސުކޫކު އިޝޫކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭއަޅެެ
05 July 2025
ތިޔަ ސުކުުކް އަށް އިންވެސްޓް ކޮށްގެން ލިބޭނީ ކިހާ ވަރެެއްކަން ވެސް ބުނެލަ ދިން ނަމަ ދޯ. 10 ހާހުން ލިބޭނީ 5 އަހަރު ނިމޭއިރު 800 ތަ؟
ސުކޫކު މީ ކޯއްޗެއް ކަމެއް ނޭގޭ..
03 July 2025
އެހެންވީމާ ކޮންމެ 1000 ރުފިޔާ އަކުން 80 ފައިދާ. އެވެސް 5 އަހަރުން. އެހެން ވީމަ އިންވެސްޓް ކުރި ވަރެއް އޮތީ. މިލިޔަނެއް ޚަރަދު ކޮށް ގެން 80،000 މި ލިބެނީ. އިތުރަށް.
ޜަކު
04 July 2025
ރަގަޅަކަށް ނޫން ތިބުނީ. މިލިއަނެއް އިންވެސްޓުކުރީމަ 80،000 ލިބޭނީ އަހަރަކުން. ޖުމުލަ 5 އަހަރު
ހިސާބު
03 July 2025
ޖމސ ކަހަލަ ހަމަ
ހަނަސް
03 July 2025
ތި ގަންނަނީ ކިހިނެތް؟ އެމް އެޗް އޭ ފިހާރައިން ލިބޭތަ؟