11 ސެޕްޓެމްބަރ 2025 - 14:38
ރާއްޖޭގައި ބޭއްވި ފުރަތަމަ ދިލްމާ ނެޗުރަލް ލަގްޒަރީ ސޮމެލިއާ ޗެލެންޖަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް ސިމްޑީން ބުނެފި އެވެ.
މިއީ މިދިޔަ އާދިއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އެފްއެޗްއޭއެމް އެގްޒިބިޝަނުގައި ސިމްޑީ ގްރޫޕާއި ދިލްމާ ސިލޯން ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.
އެ ޗެލެންޖުގައި ވާދަކުރި ކޮންމެ ޓީމެއްގައި މިކްސޮލޮޖިސްޓަކާއި ޝެފެއް ހިމެނުނެވެ. އެ ޗެލެންޖަށް ކޮންމެ ޓީމަކުން ވެސް ތައްޔާރުކުރަން ޖެހުނީ ދިލްމާ ސައިފަތުގެ ބުއިމަކާއި އެ ބުއިމެއްގެ ތަޖުރިބާއާ ގުޅޭ، އެ ތަޖުރިބާ ފުރިހަމަކޮށްދޭނެ ފޮނި ނުވަތަ ކުޅި ކާ އެއްޗެކެވެ. އެ ޗެލެންޖުގައި ސައި ތައްޔާރުކުރަން ޖެހޭ ތިން ދާއިރާއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ހަމައެކަނި ސައިފަތުން ތައްޔާރުކުރާ ބުއިމަކާއި ކިރާއި ސައިފަތް ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމަކާއި ސައިފަތް ބޭނުންކޮށްގެން މޮކްޓެއިލެއް ތައްޔާރުކުރާ ކެޓަގަރީއެކެވެ. މިއީ 30 މިނެޓުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭ ގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.
ސިމްޑީން ބުނީ އެ ޗެލެންޖަކީ ސައިފަތުގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަ ކުރުމުގެ ގޮތުން، ސައިފަތުގެ އެކި ބުއިންތައް ތައްޔާރުކުރުމަށާއި ސައިގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތައް ދަސްކޮށްދީ، އެކަމަށް އަހުލުވެރިކޮށްދޭނެ ޗެލެންޖެއް ކަމަށެވެ. މިއީ ސައިފަތުގެ އިތުރުން ގުދުރަތީ އެކި އިންގްރިއެންޓްސްއާ އެ ތަކެތި ހައްދާ މީހުންނާއި ތަންތަނާއި ގުދުރަތީ މުއްސަނދިކަމާއި ދުޅަހެޔޮކަމާއި ނިއުޓްރިޝަނަށް އޮންނަ އިހުތިރާމާއި ގެސްޓުންގެ ތަޖުރިބާއަށް އޮންނަންވީ އިހުތިރާމަށް ހިތްވަރުދީ "އިހުތިރާމު"ގެ ތީމުގައި ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.
މި ޗެލެންޖުގެ އެއް ވަނަ އަށް ހުށަހެޅި 500 ޑޮލަރާއި ސްރީ ލަންކާގައި ހުންނަ ދިލްމާ ސްކޫލް އޮފް ޓީއަށް ޒިޔާރަތް ކުރުމަށް ހޭދަވާ ހުރުމާއި ދަތުރު ކާމިޔާބު ކުރީ ސަމާސެޓް ހޮޓެލްއިން ބައިވެރިވި ސަދުން އާއި ވިކުމް އެވެ. މި ޗެލެންޖުގެ ފަސްޓް ރަނައަޕްއަށް ހުށައެޅި 300 ޑޮލަރު ކާމިޔާބު ކުރީ ވަން އެންޑް އޮންލީ ރީތި ރަށުން ބައިވެރިވި ޖޮނަތަން އާއި ކުނާލް އެވެ. އަދި ދެ ވަނަ ރަނައަޕްއަށް ހުށައެޅި 200 ޑޮލަރު ކާމިޔާބުކުރީ ވައްކަރު މޯލްޑިވްސް އިން ވާދަކުރި ޔޮގޭޝް އާއި މުޖީފެވެ.
އޭގެ އިތުރުން އެންމެ މޮޅު ޓީމް ވޯކުގެ މަގާމު ހޯދީ ވަން އެންޑް އޮންލީ ރީތި ރަށުން ވާދަކުރި ދިލްޝާން އާއި ޖޮނަތަންގެ ޓީމެވެ. އެ ޗެލެންޖުގެ އެންމެ މޮޅު ޓީ ސޮމެލިއާ އަށް ހޮވުނީ ވައްކަރު މޯލްޑިވްސްގެ ޔޮގޭޝް އެވެ. އަދި އެންމެ މޮޅު ޓީ އިންސްޕަޔާޑް ޑްރިންކަކަށް ހޮވުނީ ރޮބިންސަން ނޫނުގެ އައިގުސްތަވާނޯ ތައްޔާރު ކުރި ބުއިމެވެ. އެ ޗެލެންޖުގެ އެންމެ މޮޅު ފުޑް ޕެއާރިން ތައްޔާރު ކުރީ ސަމާސެޓް ހޮޓެލްގެ ވަކުމް އެވެ.
ދިލްމާ ސައިފަތް ރާއްޖޭގައި އެތެރެކޮށް ވިއްކަނީ ސިމްޑީންނެވެ. ސިމްޑީން ދިލްމާގެ ލޫޒްޓީގެ އިތުރުން ޓީ ބޭގްސް އާއި ޕްރިމިއަމް ޓީ ވެސް ލިބެން ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy