ވިޔަފާރި / މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

"ވިޔަނަ" ޕްރައިވެޓް މާކެޓަށް ތިން އަހަރު، އަމިއްލަ ވިޔަފާރިތަކަށް ފައިސާ ހޯދުމަށް އިންގިލާބީ ބަދަލެއް

28 ސެޕްޓެމްބަރ 2025 - 10:30

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އިން ސެޕްޓެމްބަރު 28، 2022 ގައި އަމިއްލަ ކުންފުނިތަކަށް ކެޕިޓަލް މާކެޓުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތައާރަފްކުރި ޑިޖިޓަލް ޕްލެޓްފޯމަކީ ރާއްޖޭގެ އިގުތިސާދަށް މުހިންމު ބަދަލެކެވެ. "ވިޔަނަ" އަށް މިއަދު ތިން އަހަރު ފުރުނުއިރު، މިހާތަނަށް ވަނީ އެކި ދާއިރާތަކުގެ ކުންފުނިތަކުން 500 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ވިޔަނަ މެދުވެރިކޮށް ފައިސާ ރެއިޒް ކޮށްފަ އެވެ.

ވިޔަނައަކީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ކެޕިޓަލް މާކެޓުގައި ސެކިއުރިޓީޒް ވިއްކާ ފަރާތްތައް، އިންވެސްޓަރުންނާއި ޑިޖިޓަލް ޕްލެޓްފޯމަކުން ގުޅުވައިދީ، ސެކިއުރިޓީޒްގެ ބާޒާރު މެދުވެރިކޮށް ކުންފުނިތަކަށް ވިޔަފާރި އަށް ބޭނުންވާ ފައިސާ ފަސޭހަކަމާ އެކު ހޯދުމަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިން ވަސީލަތެކެވެ.

ވިޔަނަ ޑިވެލޮޕް ކޮށްފައި ވަނީ ސްޓޮކް އެކްސްޗޭންޖުގެ އިންހައުސް ޑިވެލޮޕަރުންގެ ޓީމުން ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ވިޔަނަ އުފެއްދީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރާއްޖޭގެ ސެކިއުރިޓީޒް މާކެޓް ތަރައްގީކޮށް، ފުޅާކުރުމަށް ސްޓޮކް އެކްސްޗޭންޖާ އެކު، ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ވިޔަފާރިތަކަށް، އާންމުކޮށް ހުޅުވައިނުލާ (ޕަބްލިކް ކުންފުންޏަކަށް ބަދަލުނުކޮށް) ޕްރައިވެޓް ޕްލޭސްމަންޓުގެ އުސޫލުން ސެކިއުރިޓީޒް ވިއްކައިގެން ފައިސާ ހޯދުމުގެ ފުރުސަތު ހުޅުވައިލުމަށް އެކުލަވައިލި "ފްރައިވެޓް މާކެޓް ފްރޭމްވޯކުގެ" ޑިޖިޓަލް ޕްލެޓްފޯމްގެ ގޮތުގަ އެވެ.

މި ޕްލެޓްފޯމުން، އަމިއްލަ ކުންފުނިތަކަށް ރެގިއުލޭޓް ކޮށްފައިވާ ނިޒާމެއްގެ ތެރެއިން ފައިސާ ހޯދުމަށް މަގުފަހިވެ، އިންވެސްޓަރުންނަށް ހާމަކަން ބޮޑު، އިންވެސްޓްމަންޓުގެ ފުރުސަތުތަކެއް ލިބި، އަދި އެޑްވައިޒަރުންނަށް ޕްރައިވެޓް ޕްލޭސްމަންޓުތައް މެނޭޖްކުރުމަށް ފުރިހަމަ ނިޒާމެއް ފޯރުކޮށްދެ އެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ނުވަ ކުންފުންޏަކުން ވިޔަނަ މެދުވެރިކޮށް ދަރަނީގެ ވަސީލަތްތައް އިޝޫކޮށްގެން ފައިސާ ރެއިސް ކޮށްފައިވެ އެވެ. މީގެ ތެރެއިން ހަތް ކުންފުންޏަކީ، ރާއްޖޭގެ އިގްތިސާދަށް މުހިންމު އަދި މުޅިން އަމިއްލަ ފަރާތްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ވިޔަފާރިތަކެކެވެ.

ޕްރައިވެޓް މާކެޓު (ވިޔަނަ) އުފެދިގެން އައި ގޮތް

ވިޔަނަ ލޯންޗު ކުރީ ރަޖިސްޓަރީ ކޮށްފައިވާ 100 އިންވެސްޓަރުންނާ އެކުގަ އެވެ. ޔޫރޯ މާކެޓިން އިން ޑިސެމްބަރު 2022 ގައި ވިޔަނައިގެ ފުރަތަމަ ބޮންޑު ވިއްކައި، އެ ބޮންޑަށް އޯވާ ސަބްސްކްރައިބް ވުމަކީ މާކެޓަށް ހުރި އިތުބާރު ދައްކުވައިދޭ ހެއްކެކެވެ.

ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:

• މާކެޓުން ރެއިޒް ކުރި ފައިސާ: ނުވަ ކުންފުންޏަކަށް 504 މިލިއަން ރުފިޔާ

• އިންސްޓްރޫމަންޓްތައް: ތިން ސުކޫކް އަދި ހަ ބޮންޑު

• އެވްރެޖު ސަބްސްކްރިޕްޝަން ރޭޓް: 80 ޕަސެންޓު

• އިންވެސްޓަ ބޭސް: ހަތްސަތޭކަ އަށް ވުރެ ގިނަ އިންވެސްޓަރުން (ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ޕެންޝަން ފަންޑު ހިމެނޭގޮތަށް)

• އެވްރެޖު ރިޓާން: އަށް ޕަސެންޓު ރިޓާން، 5-6 އަހަރުގެ މެޗުރިޓީއާ އެކު

• ރީޕޭމަންޓު: ކަނޑައެޅިފައިވާ މުއްދަތުތަކަށް ދަރަނި އަދާކުރުން ކުރިއަށްދޭ

ވިޔަނަ މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދަށް މުހިންމު ތަފާތު އެކި ސިނާއަތްތަކުގެ ވިޔަފާރިތަކުގެ ބައިވެރިވުން ކެޕިޓަލް މާކެޓުގައި މިހާރު ފެންނަމުންދެ އެވެ. ވިޔަނަ މެދުވެރިކޮށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުގައި ރީޓެއިލް އިންވެސްޓަރުންނަށް އަދި ފެންޝަން ފަންޑަށް ބައިވެރިވެވޭނެ މަގު ފަސޭހަކާ އެކު ފަހިވެ، މުޖުތަމައުގެ އެކި ފަންތިތަކުގެ މީހުންނަށް އިގްތިސޯދީ ގޮތުން ފުދުންތެރިކަން ހޯދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ހިނގައްޖެ އެވެ.

ވިޔަނައިގެ ކުރިއަށް ހުރި ބައެއް ޕްލޭންތައް

ދިވެހިރާއްޖޭގެ ސެކިއުރިޓީޒް މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުން ބިނާވެގެން ދާނީ އާ އިންވެސްޓްމަންޓް އޮޕްޝަންތައް ތައާރަފުކޮށް، މާކެޓުގައި ބައިވެރިވާ ފަރާތްތައް އިތުރުކުރުމުގެ މައްޗަށެވެ.

ކުރިއަށް އޮތް ތަނުގައި މާކެޓަށް ބޭނުންވާ ގަވާއިދުތައް އިތުރަށް ފުޅާކޮށް، ތައާރަފް ކުރުމުގެ ފުރުސަތު އޮތް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

• ޓުއަރިޒަމް ދާއިރާއާ ގުޅުން ހުރި އަދި ޔޫއެސް ޑޮލަރުން ފައިދާ ލިބިދެވޭ ގޮތައް ސްޓްރަކްޗާ ކޮށްފައިވާ ޕްރޮޑަކްޓުތައް

• ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް އަމާޒުކޮށް އަދި ތިމާވެއްޓާ ރައްޓެހި ބޮންޑު/ ސުކޫކުތައް

• ރިއަލް އެސްޓޭޓް އިންވެސްޓުމަންޓު ޓްރަސްޓު އަދި ގުޅުންހުރި ޕްރޮޑަކްޓުތައް

ސެކިއުރިޓީޒްގެ ބާޒާރު ފުޅާކޮށް ކުރިއެރުވުމަށް، މާކެޓުގެ ބައިވެރިންނާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ ހަމަ އެހާމެ މުހިންމު ކަމެކެވެ. ސެކިއުރިޓީޒް ވިއްކާ ފަރާތްތަކަށް ލަފާދިނުމަށާއި އިންވެސްޓަރުންނަށް މުސްތަގިއްލު މައުލޫމާތު ފޯރުކޮށްދިނުމަށް އިތުރު މާލީ ލަފާދޭ ފަރާތްތަކާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކާއި މާކެޓު ދިރާސާކުރާ ފަރާތްތައް މާކެޓަށް ތައާރަފް ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

މިދިޔަ ތިން އަހަރު ވިޔަނަ މާކެޓަށް ލިބިފައިވާ ކާމިޔާބުން ސެކިއުރިޓީޒްގެ ބާޒާރުގައި އިންވެސްޓުކުރުމަށް އަދި މާކެޓު މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ހޯދުމަށް ތިޔާގި ފުރުސަތުތަކެއް އޮތްކަން ހާމަވެގެން ދެ އެވެ.

ޕްރައިވެޓް މާކެޓު އޮޕްރޭޓް ކުރާ ކުންފުނީގެ ހައިސިއްޔަތުން ސްޓޮކް އެކްސްޗޭންޖުގެ އަމާޒަކީ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން، ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ކުންފުނިތައް މުސްތަގުބަލުގައި ޕަބްލިކް ކުންފުނިތަކުގެ ގޮތުގައި ލިސްޓުކޮށްގެން ވިޔަފާރި ކުރިއެރުވުމަށް މަގުފަހި ކޮށްދިނުން ކަމަށް ސްޓޮކް އެކްސްޗޭންޖުން ބުންޏެވެ.

ސްޓޮކް އެކްސްޗޭންޖުން ބުނިގޮތުގައި، ކުރިއަށް އޮތް ފަސް އަހަރަށް ކުރާ ތަސައްވުރަކީ، ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ކުންފުނިތަށް ސެކިއުރިޓީޒް މާކެޓުގައި ލިސްޓު ކުރުމެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުން ހުރި ސެކިއުރިޓީޒްތައް މާކެޓަށް ތައާރަފްކޮށް، ފުޅާދާއިރާއެއްގައި އިންވެސްޓަރުންގެ ބައިވެރިވުން މާކެޓުގައި ހަރުދަނާކަމާ އެކު ގާއިމް ކުރުމަކީ ވެސް އަމާޒެއް ކަމަށް ބުންޏެވެ.

އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ މާކެޓުމެދިވެރިކޮށް ހޯދުމުގެ މައިގަނޑު އެއް ވަސީލަތްކަމުގައި ވިޔަނަ ވެގެން ދިއުމަކީ ސްޓޮކް އެކްސްޗޭންޖުގެ މައިގަނޑު އަމާޒެވެ.

ވިޔަނައިގެ އިތުރު ތަފުސީލާއި އިންވެސްޓު ކުރުމުގެ އެކި ފުރުސަތުތަކާ ގުޅޭ މައުލޫމާތު، ވިޔަނަ ވެބްސައިޓް https://viyana.mv/ އިން ލިބޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454