އުރީދޫ މޯލްޑިވްސްއިން އިމިގްރޭޝަނާ ގުޅިގެން "މާސްޓާރިން ކަސްޓަމާ ސާވިސް"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގެ މަގުސަދަކީ ކަސްޓަމާ ސާވިސް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ފްރަންޓްލައިންގައި މަސައްކަތްކުރާ އިމިގްރޭޝަން އޮފިސަރުންނަށް އެންމެ ފުރިހަމައަށް ދަސްކޮށްދިނުމެވެ.
އިމިގްރޭޝަންގެ ބޭނުންތަކަށް ފަރުމާކޮށްގެން، ހަ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 160 އޮފިސަރުން ބައިވެރިވި އެވެ. އެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ހަރުދަނާ މުއާސަލާތީ ވަސީލަތްތަކާއި، ހަރުދަނާ ހިދުމަތުގެ ސަގާފަތެއް އުފެއްދުމަށް ކުރެވިދާނެ ކަންކަމެވެ.
މި ޓްރެއިނިން ހިންގީ އުރީދޫގެ އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރުންނެވެ. އެ ތަނަކީ ރާއްޖޭގައި ހުރި ހަމައެކަނި އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރެވެ. އެ ސެންޓަރުގެ ތަޖުރިބާއާ އެކު އެކި ކުންފުނިތަކުން ކަސްޓަމަރުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިފަދަ ޓްރެއިނިންތަކުގެ ޒަރީއާއިން އުރީދޫން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.