31 އޮކްޓޯބަރ 2025 - 23:09
އުރީދޫން އަންނަ ޑިސެމްބަރު މަހު ބާއްވާ ފަން ރަންގެ ބިބްތައް ކަސްޓަމައިޒްކޮށް، އަމިއްލަ ނަން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފަން ރަންގެ ކޮޓްތައް ގަންނަ މީހުންނަށް ހުޅުވާލާފައިވާ މި އޮފާގެ ބޭނުންކޮށް، ކިޓުތަކަށް އޯޑަރު ދެވޭނީ އަންނަ ނޮވެމްބަރު 14 ގެ ނިޔަލަށެވެ.
ބިބް ކަސްޓަމައިޒް ކުރެވޭނީ އުރީދޫ ފަންރަންގެ ވެބްސައިޓަށް ވަދެ، ބޭނުންވާ ސައިޒާއި ކިޓު ހިޔާރު ކުރުމަށް ފަހު ކާޓަށް އެޑްކޮށް، "ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް" ގައި ހަތް އަކުރުގެ ނަމެއް ޖަހައިގެންނެވެ. އޯޑަރު ކަށަވަރު ކުރުމަށް ފަހު، ފައިސާ ދެއްކުމުން ކަސްޓަމައިޒްކޮށް ބިބް ލިބޭނެ އެވެ.
އުރީދޫ ފަން ރަން ބާއްވާނީ ޑިސެމްބަރު 19 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުން ކަމަށް އުރީދޫން ބުންޏެވެ. މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ގިރާކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި އެ ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރުން ބޮޑެތި ރަށްރަށުގައި ވެސް އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy