އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ނޮވެމްބަރ 2025 - 12:04
ގޫގުލް އިން ރާއްޖޭގައި ގާއިމްކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނުގެ މަސައްކަތާ އެކު ރާއްޖެ ޑިޖިޓަލް ހަބަކަށް ހަދަން އުރީދޫން އޮތީ ތައްޔާރަށް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
ގޫގުލް އިން އުރީދު އާއި ދިރާގާ ގުޅިގެން ކުރާ ކޭބަލް އިންވެސްޓުމަންޓުގައި އައްޑޫ ސިޓީގެ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ދިވަރު"ގެ ނަން ދީފައިވާ މި ކޭބަލް ސިސްޓަމުން ރާއްޖެ އާއި ކްރިސްމަސް އައިލެންޑާއި އޮމާން ގުޅާލާނެ އެވެ.
މި އިންވެސްޓްމަންޓަކީ "އޮސްޓްރޭލިއާ ކަނެކްޓް އިނީޝިއޭޓިވް" އިތުރަށް ފުޅާކޮށް، އިންޑިއާ ކަނޑުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތެއް ކަމަށް ގޫގުލް އިން ބުންޏެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިފަދަ ތާރީހީ، ބޮޑު މަސަައްކަތެއްގައި ގޫގުލްއާ އެކު ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ވަރުގަދަކޮށް، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ލިބޭނެ އާ ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ދިނުމަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއް ކުންފުނީގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ކަނެކްޓިވިޓީ އިތުރުކޮށް، ޑިޖިޓަލް ހިދުމަތްތައް އެންމެ ފުރިހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދޭން. މި ސަބްމެރިން ކޭބަލް ސްޓޭޝަނަކީ އެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ކަމެއް،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި މި ކޭބަލް ސިސްޓަމާ އެކު ވިޔަފާރިތަކާއި ޓޫރިޒަމްގެ އާ ފުރުސަތުތަކަށް ދޮރު ހުޅުވިގެން ދާނެ އެވެ.
އޭނާ ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ އާ ފިޔަވައްސެއްގައި ބައިވެރިވެ، ރާއްޖެއަށް ޑިޖިޓަލް ބޮޑު ކުރިއެރުމެއް ގެންނާނެ މިފަދަ މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވެސް އެ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި މި މަސައްކަތާ އެކު ރާއްޖެ ޑިޖިޓަލް ހަބަކަށް ހެދުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
ގޫގުލް އަކީ އުރީދޫގެ ޕާޓްނާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނިން ގޫގުލްއާ ގުޅިގެން ރާއްޖެއަށް އެކި ޕްރޮޑަކްޓުތައް ވަނީ ތައާރަފްކޮށްފަ އެވެ.
ގޫގުލްއިން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏާ ގުޅިގެން އަޅާ ސަބްމެރިން ކޭބަލާ އެކު ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. އަދި މި މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަން ވަނީ ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައީސާ
19 November 2025
ގައިމު ތިއީ ރައީސް މުއިއްޒު އެދިގެން ކުރި ކަމެކޭ ކިޔާ އަޑު އެހިން!
ސިޓީ މީހާ
18 November 2025
ސިޓީ އިން ވަކި ނުވެ އޮތްނަމަ ތި ތަންވެސް ހެދިގެންދާނީ ހުޅުމީދޫ ދެބަޑި ދޭތެރެ ސަރަހައްދުގައި ކަން ޔަގީން
މީނަ
18 November 2025
ދެންކިވެގެންނޯ ކުރީގަ ތިބުނާ ކޮންޓޭނާ އެކްރޭ މެޝިން ނުގެނައީ އޭރު ލާރި ހުރިއިރު
ކެކެކެ
18 November 2025
މިހާރުއޭ އެނގުނީ އާންމުންނަށް އެތަނުގައި އޭގެ މެޝިނެއްވެސް ނެތްކަން. ބުޅާ ގޯނިން ބޭރުވީ ދެއްކި ވާހަކަތަކުން.
އުދުހޭ
18 November 2025
މިހާރުންފެށިގެން އަވަހަށް އައްޑޫއިން މާލެއަށް ކުރިން އެޅި ކޭބަލަށްވުރެ ބޮޑު ކޭބަލެއް އަޅާ ހުޅުމާލޭގައި ގޫގުލްގެ ޑޭޓާ ސެންޓަރެއް އަޅަން ޕްލޭންކުރަންވީ. އޭރުން ގޫގުލް ޑްރައިވް އަހަރެމެން ބޭނުންކުރާނީ މިހާރަށްވުރެ 5 ގުނަ ހަލުވިކޮށް. އޭރުން ލެޕްޓޮލްގަ އެއްޗެއްހި ސޭވްކުރުމުގެ ބަދަލުގައި ޑްރައިވަށް އަޅާލެވޭނެ.
ޙުހުހުހ
19 November 2025
ދައްކާ ވާހަކަ ދޯ
ފެކްޓްް
18 November 2025
ދެން އިވޭނީ ސަރުކާރުން ކްރެޑިޓް ނަގަންއުޅޭ އަޑު. ކަސްޓަމްސް އަށް 51 މިލިއަންގެ ކޮންޓޭނަރ އެކްސްރޭ މެޝިނެއް ނުދެވިގެން އުޅޭ ގައުމަކަށް ވާނީ މިހާކަންވަރު. ނައިބު ރައީސް ކުރިންރޭ ޖަލްސާއަށް 50 މިލިއަން ޚަރަދުއެއީ އަދި އެއްޗެއްނޫނޯ... ކުޑަކުޑަ ޚަރަދެކޯ އެއީ ދަތުރުފަތުރު ހުރިގޮތުން ބޭނުންވިވަރަކަށް ޚަރަދު ނުކުރެވުނޯ.
އަހަންމަދާ
18 November 2025
މި އީވެސް ސީދާ ރައީސް މުއިއްޒުގެ ހުށިޔާރުކަމުން މި ގައުމަށް ލިބުން ކުރިއެރުމެއް. އެހެންވީމަ މި ބުނަނީ މުއިއްޒުއާއެކު ދެން ދުނިޔެ އުމުރަށް އުޅެންވިއްޔޭ. ހާދަ ހެޔޮ އޯގާތެރި ރައީހެކޭ މިއީ. މިވަރު ވެރިއެއް ދެން ނުލިބޭނެ. މި ވެރި މީހާ ބާލަން ކާކުތޯ މި ރާއްޖޭގަ އެދޭނީ