ކަނޑުފަޅުގެ ކޮންމެ ދިރުމެއް ވެސް ވަނީ އެކަތި އަނެކައްޗާ ގުޅިލާމެހިފަ އެވެ. ކޮންމެ ދިރުމަކަށް ހާއްސަ ދައުރެއް އޮންނަ އިރު, ކޮންމެ ދިރުމެއް އަނެއް ދިރުމަކަށް ވަނީ ބަރޯސާވެފަ އެވެ. ދިރާގުން އަންނަ އަހަރަށް ހާއްސަކޮށް ނެރުނު ކަލަންޑަރުގައި ބުނެދެވީ މި ހާއްސަ ގުޅުންތަކެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު 2026 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު 2026 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކަލަންޑަރުގެ އަމާޒަކީ ކަނޑުފަޅުގެ ދިރުންތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާ އެކު އެތަކެއްޗަށް އިހުތިރާމްކުރަން ހިތްވަރުދިނުމެވެ. އަދި ވެށީގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ, ނާޒުކު އެފަދަ އެކި ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ބާރު އެޅުމެވެ.

"ކަނޑުފަރުގައިވާ ގުޅުންތަކުގެ އަހަރެއް – ވިލު, ފަޅު, ކަނޑު"ގެ ނަމުގައި ދިރާގުން ލޯންޗުކުރި 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަކޮށްފައިވަނީ ކަނޑުގެ ވެށީގެ ދިރުމަކަށެވެ. އެ ދިރުމެއްގެ ރީތި ކުރެހުމެއް ހިމަނާފައިވާއިރު, އޭގެ ދައުރު ތަފްސީލުކޮށް ކިޔައިދޭ ހާއްސަ ލިޔުންކޮޅެއް ދިވެހިންނާއި އިނގެރޭސި ބަހުން އޮވެ އެވެ.

މި ކަލަންޑަރު ފެށެނީ ވެސް މިތަކެއްޗަށް އިހުތިރާމްކުރުމަށާއި އެތަކެތި ހިމާޔަތްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ބާރުއަޅާ ހާއްސަ މެސެޖަކުންނެވެ.

ދިރާގުގެ ހެޑް އޮފީހުގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ލޯންޗު ކޮށްދެއްވި މި ކަލަންޑަރަކީ ވިޒިޓް މޯލްޑިވްސް އިން އަންނަ އަހަރަށް ހާއްސަކޮށްފައިވާ "އޯޝަން ނޭޝަން" ކެމްޕެއިނާ ވެސް ގުޅުވައި, ފަރުމާކޮށްފައިވާ ކަލަންޑަރެކެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ކަލަންޑަރު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ކަލަންޑަރު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކަލަންޑަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ފަރުމާކުރާ ކަލަންޑަރަކީ މުޖުތަމައުއަށް މުހިންމު މެސެޖުތަކެއް ދޫކޮށްލާ ކަލަންޑަރަކަށް ހެދުމަށް އިސްކަންދޭ ކަމަށެވެ.

އަދި ކަލަންޑަރުގެ ތީމެއް ކަނޑައެޅުމުގައި ދިރާގުގެ ވެލިއުތަކާއި އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުތަކާ ގުޅޭ ތީމެއް ހިޔާރުކުރުމަށް ވެސް އިސްކަން ދޭ ކަމަށް ވިދާޅުވި އެވެ. ކަނޑުތައް ރައްކާތެރި ކުރުމަކީ އެ ދިރާގުގެ ސީއެސްއާރު ޕްރޮގުރާމުން އިސްކަން ދޭ ދާއިރާއަކަށް ވާއިރު, އާ ކަލަންޑަރުގެ އެހީގައި، އެ ދާއިރާއަށް ހޭލުންތެރިކަން އިތުރުކޮށްދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިރްޝާން ވިދާޅުވި އެވެ.

ދިރާގަކީ ކޮންމެ އަހަރަކު ވެސް ތަފާތު އެކި ތީމުތަކުގެ ކަލަންޑަރު ނެރޭ ކުންފުންޏެކެވެ. އެ ކުންފުނިން މިއަހަރުގެ ކަލަންޑަރު ހާއްސަކުރީ މިނިވަން ކަމަށެވެ. އެއީ މިއަހަރު ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިފަ އެވެ.