ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނި، އާސަންދަ އާއި ސަބްސިޑީގެ ހަރަދު ކުޑަކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައި ވާއިރު މިދިޔަ އަހަރަށް ބަޖެޓްކުރި އަދަދަށް ވުރެ 2.3 ބިލިއަން އިތުރަށް ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް، އާސަންދައަށް ވަނީ 2.59 ބިލިއަން ރުފިޔާ ހޭދަވެފަ އެވެ.
މިއީ، އާސަންދަ ދިނުމުގެ އުސޫލު އިސްލާހުކުރުމަށް ނިޔަތްގަނެގެން، މިދިޔަ އަހަރުގެ ބަޖެޓުގައި ޖެހި 1.85 ބިލިއަން ރުފިޔާއަށް ވުރެ، 734.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަދި 2024 ވަނަ އަހަރު އާސަންދައަށް ހަރަދުވި 2.42 ބިލިއަން ރުފިޔާއަށް ވުރެ، 164.6 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ހޭދަކޮށްފަ އެވެ.
ސަބްސިޑީ ދިނުމަށް ކުރި ހޭދައަށް ބަލާއިރު، މިދިޔަ އަހަރު އެކަމަށް ވަނީ 3.45 ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ. މިއީ ސަބްސިޑީ ރިފޯމްކޮށްގެން، ހޭދަ ކުޑަވާނެކަމަށް ލަފާކޮށް، ބަޖެޓުގައި ޖެހި 1.86 ބިލިއަން ރުފިޔާއަށް ވުރެ، 1.59 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރާ ހޭދައިން ހަތަރު ސަބްސިޑީއެއް ޓާގެޓް ކުރަން ކަނޑައަޅާފައި އޮތެވެ. އަދި ސަބްސިޑީތަކަށް ޖުމްލަ ކުރާ ހޭދަ ގާތްގަނޑަކަށް 60 ޕަސެންޓް ކުޑަ ކުރުމަށް ރޭވި އެވެ.
ނަމަވެސް، އާއްމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އަހަރުގެ މެދު ތެރެއިން އެކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތަށް ބަދަލު ގެނެސް ސަބްސިޑީ އާއި އާސަންދަ ދިނުމުގެ އުސޫލަށް ބަދަލު ނުގެންނަން ނިންމި އެވެ.